ބައެއް ސަރަހައްދުތަކަށް 14:30އާއި ހަމައަށް ހުދު ސަމާލު!

ދިވެހިރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރުއްވައިފިއެވެ.
މެޓް އޮފީހުން މި ސަމާލު ނެރުއްވައިފައި ވަނީ، ހއ. އަތޮޅުން ފެށިގެން ގއ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް ހެނދުނު 08:30 އިން ފެށިގެން މެންދުރު 14:30 އާ ހަމައަށެވެ.
އަދި އެވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ މަޢުލޫމާތު ދެއްވައިފައެވެ.
މި ދުވަސްތަކަކީ މޫސުން ގޯސްދުވަސްތަކެއް ކަމުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވައިފައެވެ.
އިއްޔެ ވެރިރަށް މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހި، މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވެއެވެ. އެގޮތުން އިއްޔެ އެންމެ ބޯކޮށް މާލެއަށް ވާރޭ ވެހުނު ވަގުތު، 57 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓް އޮފީހުން ހާމަ ކުރައްވައެވެ.
ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރެއަށް އިއްޔެ އިން ފެށިގެން ދަނީ ވިއްސާރައިގެ އަސަރު ކުރަމުންނެވެ.