ކޮނޑޭ ކޯޓުގެ އިސްމެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި
ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް ސަސްޕެންޑްކޮށްފިއެވެ.
ޖޭއެސްސީން ވިދާޅުވީ ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާނުކުރާކަމާއި، މައްސަލަތަކުގެ ޙުކުމާއި، މައްސަލަތަކުގެ ރިޕޯޓު މުވައްޒަފުން ތައްޔާރުކުރަންޖެހޭކަމަށް އަދި ކޯޓަށް ހުށަހެޅޭ މައްސަލަތައް ގިނަދުވަސްވެ އެ މައްސަލަތަކަށް އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް އިޙުމާލުވެފައިވާކަމަށާއި، އަދި ކޯޓުގެ ވާހަކަތަކާއި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ވާހަކަ ކޯޓުން ބޭރުގައި އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ދައްކާކަން އެ ކޮމިޝަންގެ ތަޚްޤީޤަށް ސާބިތުވެފައިވާ ކަމަށެވެ.
އަދި އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްގެ މި ޢަމަލުތަކަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާ ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެއްކަމުގައިވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 32-1 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް 2023 ނޮވެންބަރު 06 ވަނަ ދުވަހުން ފެށިގެން 02 ހަފްތާ (14 ދުވަސް) ގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރަން 2023 ނޮވެންބަރު 01 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ 70 ޖަލްސާގައި ނިންމަވާފައިވާ ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.