ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސަގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ދުބާއީއަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދުބާއީގައި ކުރިއަށް ދާ ގްލޯބަލް ސިޓިޒަންޝިޕް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ފުރާވަޑައިގެންފިއެވެ.
މި ކޮންފަރެންސް ކުރިއަށް ދާނީ މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ދުބާއީގެ ޝަންގްރިއްލާ ހޮޓެލުގައެވެ.
މިކޮންފަރަންސް ގައި ދުނިޔެއަށް އަންނަ ބަދަލުތަކާ ގުޅިގެން ރައްޔިތުންނަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމާއި ގައުމުތަކުގެ ތަރައްގީ އާއި ޓެކްނޮލޮޖީގެ ދައުރާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރާނެއެވެ.
މީގެ އިތުރުން ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެ ލިބިފައިވާ ޖަޒީރާ ގައުމުތަކަށް ލިބިދާނޭ ގެއްލުންތަކާއި އަދި އެކަން ކަމަށް ހޯދޭނޭ ހައްލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގްލޯބަލް ސިޓީޒަންޝިޕްގެ ގާނޫނުތަކާއި ގަވައިދުތަކާ ބެހޭ އޮނިގަނޑު އެކުލަވާލުމާ ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރިއަށް ދާނެއެވެ.
މި ކޮންފަރެންސްއަށް ފަހު ރައީސް ނަޝީދު އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 11 ނޮވެމްބަރުގައެވެ.