އައިއޯސީސީގެ ރައީސް ކަމުން ޑރ. ޝަހީމް އިސްތިއުފާ ދެއްވަނީ

އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރަލް އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)ގެ ރައީސްގެ މަގާމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްތިއުފާ ދެއްވައިފިއެވެ.
ޝަހީމް މިފަދައިން ވިދާޅުވީ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރަލް އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ "އިސްލާމީ ނަޒަރިއްޔާތު" ފޮތް ނެރެދެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޝަހީމް ނިންމަވާފައިވަނީ މި މަހުގެ 17 ގައި އުފައްދާ އާ ސަރުކާރުގެ އިސް މަގާމަކަށް ވަޑައިގަންނަވާތީ އައިއޯސީސީގެ ރައީސްކަމުން މި ވަގުތަށް އިސްތިއުފާ ދެއްވުމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ އައިއޯސީސީގެ ބޭނުމަކީ މީހުން ބިނާކުރުން ކަމަށާއި މިހާރު ވެސް އެ ޖަމާއަތުގެ އެހީގައި 11 ދަރިވަރަކު ޕީއެޗްޑީ އަށް ކިޔަވަމުން އަންނަ ކަމަށެވެ.
އެއީ އަމިއްލަ ޖަމިއްޔާއަކުން ކޮށްދެވޭނެ ވަރަށް ބޮޑު މަސައްކަތެއް ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި އަމާޒަކީ މީހުން ބިނާކުރުން ކަމަށް ޝަހީމް ވިދާޅުވިއެވެ.