ޚަބަރު

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް ކުރުން މިއަދު ހަވީރު

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގޮސް އޮތް މައްސަލައާ ގުޅުވާ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް ކުރުން މިއަދު ހަވީރަށް ތާވަލުކޮށްފިއެވެ.

Ads by Sosun Fihaara

މި މައްސަލާގައި ހުކުމް ކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް މިއަދު ހަވީރު 4އަށް ސުޕްރީމް ކޯޓުން ވަނީ ތާވަލުކޮށްފައެވެ.

އެމްޑީޕީން އެދިފައިވަނީ ނަޝީދުގެ އިތުބާރު ނެތް މައްސަލަ އެޖެންޑާކޮށް ޖަލްސާތައް ނުގެންގޮސްފައިވަނީ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ގާނޫނު އަސާސީގެ 82 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ.

މައްސަލައިގައި ޕީޕީއެމް ޕީއެންސީގެ ފަރާތުންވެސް އެދިފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ނައިބު ރައީސްއަށް ކުރިއަށް ނުގެންދެވޭ ހާލަތުގައި އާންމު މެމްބަރަކު ރިޔާސަތު ބަލަަހައްޓަވައިގެން ނަމަވެސް ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!