މި ފެށުނު ދައުރާއެކު ޝަރުޢީ ދާއިރާއަށް ސަރުކާރުން ނުފޫޒުފޯރުވުން ނިމުމަކަށް އަންނާނެ: ރައީސް ޑރ. މުޢިއްޒު

މި ފެށުނު ދައުރުގައި ޝަރުޢީ ދާއިރާއަށް ސަރުކާރުން ނުފޫޒުފޯރުވުން ނިމުމަކަށް އަންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން، ދެއްވި ފުރަތަމަ ތަޤުރީރުގައެވެ. އެމަނިކުފާނު ތަޤްރީރުކުރެއްވީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވެވި ހުވައި ކުރުމުގެ ރަސްމިއްޔާތުގައެވެ.
ރައިސް ޑރ. މުޢިއްޒު ވިދާޅުވީ މިއީ އެތައް ޒަމާންތަކަކަށްފަހު، ދިވެހީން ދިވެހީންގެ ރާއްޖެއަށް އަލުން އެނބުރި ދިޔުމުގެ ޚާއްޞަ ދަތުރަށް ފެށުނު ދުވަސް ކަމަށާއި އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރައްވާނީ ޢިލްމާއި ހުނަރާއި އަޚްލާޤާއި ދީން އަދި އުޅުންތެރިކަމާއި މަސައްކަތްތެރިކަން ދިވެހި ދަރީންގެ ކިބައިގައި އަށަގެންނެވުމާއެކު ރާއްޖޭގެ ބިނާވެށްޓަށް އިންޤިލާބީ މުއްސަނދިކަމެއް ގެނެސްދެއްވުމަށް ކަމަށެވެ.
ހަމައެހެންމެ، ރާއްޖޭގެ ބާރުތަކުގެ މިނިވަންކަން ކަށަވަރުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށާއި ސަރުކާރު ފެށުމާއެކު ޚާއްޞަކޮށް ޝަރުޢީ ދާއިރާއަށް ސަރުކާރުން ނުފޫޒުފޯރުވުން ނިމުމަކަށް އަންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސްގެ ތަޤްރީރުގައި އެމަނިކުފާނު ސަރުކާރާ ހަވާލުވެ ވަޑައިގަންނަވާއިރު ދައުލަތުގެ ދަރަނި ޖުމްލަ 119 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ވިދާޅުވިއެވެ. އަދި، މިއީ ރާއްޖޭގެ މުޅި މާލީ ޙަޔާތުގައިވެސް ތާރީޚު ދުށް އެންމެ ބޮޑު ދަރަނިކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.