ޚަބަރު

މެޖިސްޓްރޭޓް އަލީ އާދަމްގެ މަޤާމުގެ ދަރަޖަ ދަށްކުރަން ޖޭއެސްސީން ނިންމައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާ ޚިލާފަށް، ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ މައްޗަށް ސާބިތުވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ވަކިގޮތެއް ނުނިމި އޮއްވައި، އެބޭފުޅާގެ މަޤާމުގެ ދަރަޖަ ދަށްކުރުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުން (ޖޭއެސްސީ)ން ނިންމައިފިއެވެ.

Ads by Sosun Fihaara

ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ކަމާބެހޭ މަޢުލޫމާތު ސާފުނުކޮށް، މައްސަލަ އެކަށީގެންވާ މިންވަރަށް ދިރާސާކޮށްފައި ނުވާތީ، ދާއިރާ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ އާދަމް މައްސަލަ ބެލުމުގައި ފަރުވާކުޑަކޮށްފައިވާކަން ތަޙުޤީޤަށް ސާބިތުވާކަމަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 32-1 ވަނަ މާއްދާގެ (ހ)ގެ 2ވަނަ ނަންބަރުގައިވާ ހުރި މަޤާމަށްވުރެ ދަރަޖަ ދަށްކުރުމަށް ފެންނަކަމަށް ކޮމިޝަނުގެ 76 ވަނަ ޖަލްސާގައި ނިންމަވާފައިވާކަމަށެވެ.

އެހެންކަމުން، ޢަލީ އާދަމް، 2023 ނޮވެމްބަރު 20ވަނަ ދުވަހުން ފެށިގެން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަޤާމަށް ބަދަލުކުރެވިފައިވާކަމަށާއި، ޢަލީ އާދަމްއާ ގުޅޭގޮތުން މީގެ ކުރިން ތަޙްޤީޤުކުރެވުނު ސީރިއަސް މައްސަލަތަކަކާ ގުޅިގެން، ސުލޫކީ މައްސަލަ ސާބިތުވެ، ފަނޑިޔާރުކަމުން ވަކިކުރުމަށް ދެފަހަރެއްގެ މަތިން، 2023 ޖުލައި 23 ވަނަ ދުވަހުގަ އާއި 2023 އޮކްޓޫބަރު 26 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ލަފާ އަރުވާފައިވާނެކަމަށެވެ.

މެޖިސްޓްރޭޓުގެ މަޤާމުން އަލީ އާދަމް މަގާމުން ވަކިކުރަން ޖޭއެސްސީން ކުރިން ނިންމީ ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓަށް ވަރިވާން ދިޔަ އަންހެނަކަށް ގުޅައި އޭނާއަށް ޒާތީ މެސެޖުތަކެއް ކޮށްފައިވާ ކަމަށް މެޖިސްޓްރޭޓް އަމިއްލައަށް އިއުތުރާފުވެފައިވާތީއެވެ.

މި މައްސަލަ ފެންމަތިވުމާއި ގުޅިގެން ޢަލީ އާދަމް މިއަހަރު މޭ މަހުގައި މަޤާމުން ސަސްޕެންޑުކޮށްފައިވާއިރު، ހަމަ އެފަދަ އެހެން މައްސަލައެއް އޭގެ ފަހުންވެސް ޖޭއެސްސީގެ ސަމާލުކަމަށް އައިސްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

އަލީ އާދަމްއާއި ގުޅޭ ސުލޫކީ އެކި އެކި މައްސަލަ ޖޭއެސްސީން މީގެ ކުރިންވެސް ބަލާފައިވާއިރު، ޖޭއެސްސީގެ ތަހުގީގުން ނިންމާފައިވަނީ ޢަލީ އާދަމް ނުރަނގަޅު ނިޔަތެއް އޮވެގެން އެ އަންހެން މީހާ ހުރި ހާލަތުގެ ނާޖާއިޒު ފައިދާ ނަގަން މަސައްކަތްކޮށްފައިވާކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!