އެމްޑީޕީން ކައުންސިލު އިންތިހާބުގެ ކޭމްޕޭނުގެ ހުރިހާ ހަރަކާތެއް މެދުކަނޑާލަން ނިންމައިފި
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލު ހާލަތު އިއުލާން ކުރުމުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބުގ ކެމްޕޭނުގެ ހުރިހާ ހަރަކާތެއް މެދުކަނޑާލަން ނިންމައިފިއެވެ.
އެމްޑީޕީން ބުނީ ކޮވިޑް-19 އާގުޅިގެން ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ޢާންމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ޤައުމާ މުޚާތަބުކުރައްވައި، ދެއްކެވި އިރުޝާދުތަކަށް އެމްޑީޕީން މަރުޙަބާ ކިޔާކަމަށެވެ.
އަދި ލޯކަލް ކައުންސިލް އިންތިޚާބު ލަސްކުރެވުމާއެކު އެ ޕާޓީގެ ލޯކަލް ކައުންސިލު އިންތިޚާބުގެ ކޭމްޕޭނުގެ ހުރިހާ ޙަރަކާތްތަކެއް އެއްކޮށް މެދުކަނޑާލައި، ވައިރަހާ ގުޅިގެން ރައްޔިޔުންގެ ކިބައިން ސަރުކާރުން އެދިވަޑައިގަންނަވާ ކޮންމެ ކަމެއްގައި އެ ޕާޓީގެ މެމްބަރުންނާއި އެންމެހައި އިންތިޒާމުތަކާއި ވަސީލަތްތަކެއް އެންމެ ފުޅާމިނެއްގައި ފޯރުކޮށްދީ، އެހީތެރިވެދިނުމަށް ތައްޔާރަށް އޮތްކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީން ބުނީ ކައުންސިލް އިންތިޚާބު އޭޕްރީލް 18 އަށް ފަސްކުރުމާއި ގުޅިގެން ކެމްޕޭނު ކުރުމުގެ ފުރުސަތު ބަންދުވެފައި އޮތުމަށްފަހު އިންތިޚާބާ ދެމެދަށް ކެންޑިޑޭޓުންނަށް ލިބެނީ އެންމެ ހަ ދުވަސްކަމަށްވާތީ، އެއީ ކެމްޕޭނެއް ކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫންކަމަށެވެ.
"އަދި އެއީ ކެންޑިޑޭޓުންނަށް ކެމްޕޭންކުރުމަށް ދިނުމަށް ޤާނޫނުގައި ލާޒިމުކޮށްފައިވާ މުއްދަތައްވުރެ އެތައް ގުނައަކަށް ކުޑަ މުއްދަތެއްކަން އެނގެއެވެ. މި ޕާޓީއަކީ ފުޅާ މިނެއްގައި ކެމްޕޭނުގެ ޙަރަކާތްތައް ހިންގައި، ރައްޔިތުންނާ ހަމައަށް ވާސިލުވެ، ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދީ، އެގޮތުން ފޯރުކޮށްދޭ މަޢުލޫމާތަށް ބިނާކޮށް ރައްޔިތުން ވޯޓުލުމުގެ ފުރުސަތު ހޯދައިދިނުމަށް ކެމްޕޭންކުރާ ޕާޓީއަކަށް ވީހިނދު، ކެމްޕޭން ކުރުމަށްޓަކައި ދެންވެސް ޤާނޫނުގައި ބުނާ މުއްދަތު ކެންޑިޑޭޓުންނަށް ލިބޭނޭކަން ކަށަވަރުކޮށްދެއްވައިގެން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވެވުމަށް މި ޕާޓީން ގޮވާލަމެވެ." އެމްޑީޕީން ބުންޏެވެ.
އެ ޕާޓީން ބުނީ ޢާންމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވިފައިވާ މި ދަނޑިވަޅުގައި، އިންތިޚާބުގެ ކެމްޕޭނުގެ ޙަރަކާތްތައް އެއްވެސް ސިފައެއްގައި ނުހިންގުމަށް އެ ޕާޓީގެ ހުރިހާ ކެންޑިޑޭޓުންނަށާއި ކެމްޕޭން ޓީމުތަކަށް އަންގާ ކަމަށެވެ.