ރާއްޖޭގެ އިޤްތިޞާދަށް އަވަސް ޙައްލުތަކެއް ދާނީ ފެންނަމުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަޢީދު މިހެން ވިދާޅުވީ ރާއްޖެއާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ސަޢޫދީ ޢަރަބިއްޔާއިން ނިންމުމުން އެކަމަށް އިޝާރަތް ކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް ޑރ .މުޙައްމަދު މުއިއްޒުގެ ވެރިކަންފެށުމާއެކު އެމަނިކުފާނު ގެންދަވަނީ ރާއްޖޭގެ އިގުތިސާދަށްހެޔޮ އަދި އަވަސް ބަދަލުތަކެއްގެނައުމަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ކަމަށާއި އަވަސް ޙައްލުތަކެއް ދާނީ ފެންނަމުން ކަމަށެވެ.
ރާއްޖެއާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ސަޢޫދީ ޢަރަބިއްޔާއިން ނިންމާފައިވަނީ އިއްޔެ އެ ޤައުމުން ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.
ރާއްޖެއާއިއެކު ވިޔަފާރީގެ ގުޅުން ޤާއިމު ކުރުމަށް ސައުދީން ނިންމީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގެ މަޢުލޫމާތު ހާމަކުރަމުން، ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ނިއުސް އޭޖެންސީ "ވާސް" އިން ބުނެފައިވާ ގޮތުގައި، ވިޔަފާރީގެ މި އެއްބަސްވުމުގެ ފަހުމުނާމާގައި ސޮއިކުރުމުގެ މަޝްވަރާތައް ދިވެހިރާއްޖޭގެ އިކޮނޮމިކް ޑިވޮލޮޕްމަންޓް މިނިސްޓްރީއާއެކު ކުރިއަށް ގެންދަވާނީ ސަޢޫދީޢަރަބިއްޔާގެ އިކޮނޮމިކް މިނިސްޓަރު އަދި ފޮރިން އިންވެސްޓްމަންޓް އޮތޯރިޓީގެ ޗެއާމަންއެވެ.
ރަސްގެފާނު ރިޔާސަތު ބެލެހެއްޓެވި ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ވަލީޢަހުދު މުޙައްމަދު ބިން ސަލްމާންވެސް ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުމުގައި މުހިންމު 15 ނިންމެވުމެއް ނިންމަވާފައިވާކަމަށްވެސް ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ނިއުސް އޭޖެންސީއިން ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، މަޤާމުގެ ޤާނޫނީ ހުވައިކުރައްވައި ރިޔާސީ އައު ދައުރަށް ފެށްޓެވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ސަޢޫދީ ޢަރަބިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި އެ ޤައުމުގެ މިނިސްޓަރ އޮފް އިކޮނޮމީ އެންޑް ޕްލޭނިންގ، ފައިޞަލް ބިން ފާދިލް އަލްއިބްރާހީމް ވަނީ މި މަހު ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއްކުރައްވައިފައެވެ.
މި ދަތުރުފުޅުގައި، ނޮވެމްބަރުމަހުގެ 18 ވަނަދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވައި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިކޮނޮމީ އެންޑް ޕްލޭނިންގ، ފައިޞަލް ބިން ފާދިލް އަލްއިބްރާހީމް ކުރެއްވި މަޝްވަރާތަކުގައި ވިޔަފާރިއާ އިޤްތިޞާދުގެ ދާއިރާއާ އަދި އެނޫން ގިނަ ދާއިރާތަކަކުންވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާމެދު ވަނީ މަޝްވަރާކުރައްވައިފައެވެ.
އަތަށް ގޮވާނީ