ޚަބަރު

އާޒިމާއި ގުޅޭގޮތުން ފެތުރި ޚަބަރެއްގެ ޙަޤީޤަތް ބަލައިދޭން އޭސީސީގައި އެދިއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ގުޅޭގޮތުން ފެތުރި ޚަބަރެއްގެ ޙަޤީޤަތް ބަލައިދިނުމަށް އެ ކުންފުނިން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)ގައި އެދިއްޖެއެވެ.

Ads by STELCO

އޭސީސީގެ ރައީސް އާދަމް ޝާމިލަށް އެމްޓީީސީސީން ފޮނުވި ސިޓީގައި ވަނީ "ދިޔަރެސް" ނޫހުގައި މި މަހުގެ 27 ވަނަ ދުވަހު، "އާޒިމް ފަހު ކަމަކަށް ވެސް ބޮޑު ވައްކަމެއް، ބޮޑު ހިލަ ޓަނަކުން 11 ޑޮލަރު އަމިއްލަ ޖީބަށް!" ‏މި ސުރުޙީގެ ދަށުން ޝާއިޢު ކޮށްފައިވާ ޚަބަރުގެ ޙަޤީޤަތް، ދިވެހި ރައްޔިތުންނަށް ސާފުކޮށްދިނުމަށް އޭސީސީގެ ތަހުޤީގެއް ހިންގަން އެ ކުންފުނިން ބޭނުންވާ ކަމަށެވެ.

އެ ސިޓީގައި ވަނީ އެމްޓީސީސީގެ ފަރާތުން މައްސަލައިގެ ތަޙުޤީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ވެސް ބުނެފައެވެ.

"ދިޔަރެސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގަސި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އޭނާ އާއި އެކު ކޮރަޕްޝަން ހިންގުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ އެ ކުންފުނީގެ ޖެނަރަލް މެނޭޖަރު ރަމްޒީ އަބޫބަކުރު ގުޅިގެން, މާކެޓް ރޭޓަށް ވުރެ ޓަނަކުން 11 ޑޮލަރު ބޮޑުކޮށް އެ ކުންފުންޏަށް ބޮޑުހިލަ ޝިޕްމަންޓެއް ގަންނަން އުޅޭކަން އެ ނޫހަށް އެނގިފައިވާ ކަމަށެވެ.

ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި މީހަކާއި ހަވާލާދީ، އެ ނޫހުން ބުނީ، އާޒިމް ވަކިވުމުގެ ކުރިން އޯޑަރު ކުރަން އުޅޭ ބޮޑުހިލަ ޝިޕްމަންޓް ގެންނަނީ އެ މީހުންނާއި ގުޅިފައިވާ ދުބާއީ ކުންފުންޏެއް މެދުވެރިވެގެން ކަމަށެވެ.

އާޒިމް އެމްޓީސީސީ އާ ހަވާލުވީ ފަހުން އެ ކުންފުނި މެދުވެރިކޮށް އެތައް މިލިޔަން ޑޮލަރެއްގެ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ގޮތަށް, މާކެޓުގެ އަގުތަކަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް ބޮޑުހިލަ ގެނެސްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި ކަމަށް އެ ނޫހުގައިވެއެވެ.

 

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!