ޚަބަރު

ރައީސް، މޯދީއާ ބައްދަލުކުރައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ބައްދަލުކުރައްވައިފި އެވެ.

Ads by Sosun Fihaara

މިބައްދަލުކުރެއްވުން ކުރިއަށް ދިޔައީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީ މިއަދު ރަސްމީކޮށް ފެށުނު ކޮޕް 28 ސަމިޓްގެ ހަވާސާ ގައެވެ.

މިއީ މުއިއްޒު، ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މޯދީއާ ބައްދަލުވި ފުރަތަމަ ފަހަރެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމަކީ ބިނާކުރަނިވި ބައްދަލުވުމެއް ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމުގައިވެސް ވިދާޅުވި އެވެ.

"އުއްމީދަކީ ދެ ޤައުމުގެ ރައްޔިތުންގެ ލާބައަށްޓަކައި އެއްބާރުލުން އިތުރުކޮށް ކުރިއަށް އޮތްތަނުގައި ގުޅިގެން މަސައްކަތްކުރުން،" މޯދީ ވިދާޅުވި އެވެ.

ރައީސް މުއިއްޒު މޯދީއާ ބައްދަލުކުރެއްވިއިރު ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގައުމަށް ގެންދަން އިންޑިއާ ސަރުކާރުގައި ރަސްމީކޮށް ދާދިފަހުން ވަނީ އެދިފަ އެވެ.

ސަރުކާރުން ބުނެފައި ވަނީ އިންޑިއާގެ 77 ސިފައިން ރާއްޖޭގައި އެބަތިބި ކަމަށެވެ. އެއީ އެ ގައުމުން ހަދިޔާކުރި ފުރަތަމަ ހެލިކޮޕްޓަރު ބަލަހައްޓަން 24 ސިފައިންނާއި ޑޯނިއާ މަތިންދާބޯޓު ބަލަހައްޓަން 25 ސިފައިންނާއި ދެވަނަ ހެލިކޮޕްޓަރު ބަލަހައްޓަން 26 ސިފައިންގެ އިތުރުން އެ އެއްޗެހީގެ މެއިންޓެނެންސާއި އިންޖިނިއަރިން އަށް އިތުރު ދެ ސިފައިންގެ މީހެކެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!