ޚަބަރު

އައްޑޫގައި އަނެއްކާ ވެސް މާރާމާރީއެއް, މިފަހަރު ވަޅި ޖެހީ ގެޔަކަށް ވަދެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އައްޑޫ ހިތަދޫގައި އަނެއްކާ ވެސް މިއަދު މަރާމާރީއެއް ހިންގައިފިއެވެ.

Ads by Hajj Corporation

ފުލުހުން ބުނީ ހިތަދޫގެ ދެ ގްރޫޕެއްގެ މެދުގައި މާރާމާރީއެއް ހިނގާފައިވާ ކަމަށް މިއަދު މެންދުރު 3:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މަރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ 20 އަހަރުގެ ދިވެހި ފިރިހެނަކު ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ޒުވާނާ އަށް އަންނަނީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއިއެޗް) ގައި ފަރުވާ ދެމުންނެވެ.

މި މަރާމާރީގެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، ހިތަދޫގައި މިދިޔަ ހުކުރު ދުވަހުގެރޭ ވެސް ވަނީ މަރާމާރީއެއް ހިންގާފަ އެވެ. އެ މާރާމާރީގައި 30 އަހަރުގެ ފިރިހެނަކު ވަނީ ޒަހަމްކޮށްލައިފަ އެވެ.

އެ މާރާމާރީއާ ގުޅިގެން ހަތަރު މީހަކު ފުލުހުންގެ ހައްޔަރަށް ވަނީ ގެންގޮސްފަ އެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނި 18، 19، 20 އަދި 23 އަހަރުގެ ދިވެހި ޒުވާނުންތަކެއް ކަމަށް ފުލުހުން ބުނެ އެވެ.

އައްޑޫގައި މާރާމާރީތައް އިތުރުވަމުންދާތީ މިދިޔަ ހަފުތާގެ ތެރޭގައި އައްޑޫ ކައުންސިލާއި ހިތަދޫ ޕޮލިސް ސްޓޭޝަނާ ދެމެދު އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ. އަދި މާލެ އިން ފުލުހުންގެ ޓީމުތަކެއް އައްޑޫ އަށް ފޮނުވުމަށް ވަނީ ހަމަޖެހިފަ އެވެ.

އައްޑޫގައި މި އަހަރާއި މިދިޔަ އަހަރު ހިންގި މާރާމާރީތަކެއްގައި ދެ މީހަކު ވަނީ މަރާލައިފަ އެވެ. އެގޮތުން މި އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުގެ ރޭ މަރަދޫފޭދޫގައި ދެބެއިންގެ މެދުގައި ހިންގި މާރާމާރީއެއްގައި ކޮއްކޮއަކު ވަނީ ތޫނު އެއްޗަކުން ހަމަލާދީ އޭނަގެ 27 އަހަރުގެ ބޭބެ މަރާލައިފަ އެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހު ފޭދޫގައި ގްރޫޕަކުން ޒުވާނަކަށް ދިން ހަމަލާއެއްގައި 21 އަހަރުގެ ޒުވާނަކު މަރާލާފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!