އިންޑިއާ ސިފައިންގެ އަދަދު ހޯދަން އެމްޑީޕީ މެންބަރަކު މަޖިލީހަށް ކުއްލި މައްސަލައެއް
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އެއްބަސްވެފައިވާ ކަމަށް ބުނެ، އެ އެއްބަސްވުން ހާމަކުރަން ގޮވާލައި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެ ކުއްލި މައްސަލަ ހުށަހެޅުއްވީ މަޖިލިހުގެ ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ.
ކުއްލި މައްސަލައިގައި ބުނެފައި ވަނީ އިންޑިއާގެ ހަތިޔާރު އެޅި އެތައް ހާސް ސިފައިންގެ ބަޔަކު ރާއްޖޭގައި ތިބި ކަމަށް ވިދާޅުވެ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދަން ރައީސް ޑރ. މުހައްމަދު މުއިއްޒު މީޑިއާގައި ވާހަކަ ދައްކަވާފައިވާ ކަމަށެވެ.
އެހެންވެ، ރާއްޖޭގެ މިލިޓަރީ ވިސާއެއްގައި އިންޑިއާގެ ކިހާ ސިފައިންނެއް ތިބިތޯ އާއި އިސްތިގުލާލަށް އުނިކަން އައިސް ރާއްޖޭގެ މިނިވަން ކަން ގެއްލިފައިވާ ރައީސް މުއިއްޒު ވިދާޅުވާ އެގްރީމަންޓުތައް ރައްޔިތުންނަށާއި ރައްޔިތުންގެ މަޖިލިހަށް ހާމަކޮށް އެގްރީމަންޓުގެ އެފަދަ މާއްދާތައް ފޮރުވުމެއް ނެތި ރައްޔިތުންނަށް ހާމަކުރަން ގޮވާލާ ކަމަށް ކުއްލި މައްސަލައިގައިވެއެވެ.
ރާއްޖޭގައި ތިބި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އިންޑިއާގެ އެތައް ހާސް ސިފައިން ރާއްޖެ އިން ބޭލުމާ ގުޅޭ ގޮތުން ދުބާއީގައި ބޭއްވުނު ކޮޕް28 ސަމިޓަށް ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކުގައި ބޭއްވި ސައިޑްލައިން ބައްދަލުވުމުގައި އެއްބަސްވެފައިވާ ކަމަށާއި އެ އެއްބަސްވުން ރައްޔިތުންނަށާއި ރައްޔިތުންގެ މަޖިލިހަށް ހާމަކުރުމަށް ގޮވާލާ ކަމަށް ވެސް މައްސަލައިގައި ބުނެފައިވެއެވެ.
މި މައްސަލަ މަޖިލިހަށް ބަލައިގަނެ، މިހާރު ވަނީ ބަހުސް ފަށައިފައެވެ.