ޚަބަރު

އިންޑިއާ އާ ޒާތީވެއްޖެނަމަ ނަތީޖާ ހިތިވެދާނެ: ދޮންބިލަތް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދިވެހިން އިންޑިއާއާ ޒާތީވެއްޖެ ނަމަ، ހިތި ނަތީޖާއެއް ފެނިގެން ހިނގައިދާނެ ކަމަށާއި އިންޑިއާއާ މެދުގައި ޒާތީވުން ހުއްޓާލަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ބިލަތްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް) މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައްސަލައިގައި މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ދޮންބިލެތް ވިދާޅުވީ އިންޑިއާއާ ގުޅޭ ގޮތުން މި ދައްކާ ވާހަކަތަކުގެ ސަބަބުން އިންޑިއާގެ ނޫސްތަކާއި ސަރުކާރާއި ރައްޔިތުންނަށް ކުރާނެ އަސަރާ މެދުގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އޭގެ ސަބަބުން އިންޑިއާ އަށް ބޭސްފަރުވާ އަށް ދާ ނިކަމެތި ދިވެހިންނަށް އޭގެ އުނދަގޫ ޖެހުމަކީ ގަބޫލު ކުރާ ކަމެއް ނޫން ކަމަށް ވެސް ދޮންބިލެތް ވިދާޅުވިއެވެ.

"އެއީ އަޅުގަނޑުމެން ޒާތީކޮށް އުޅެން ޖެހޭ ވަރުގެ ގައުމެއް ނޫން. މިހެން ހެދީމަ، ބައެއް ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނަފްރަތުކަން ވެސް އުފެދޭ. އޭގެ އިތުރުން ބިރުވެރިކަން ވެސް އުފެދޭ." ދޮންބިލެތް ވިދާޅުވިއެވެ.

"ރާއްޖޭގެ ސަރަހައްދަކަށް އިންޑިއާ ސިފައިން އަރާ ބާރުވެރިކަމާ އެކީގައި މި ރާއްޖެ ހިފަން ދުވަހަކު ވެސް މަސައްކަތްކޮށްފައެއް ނެތް. ދިވެހި ތާރީހުން އެކަން ދައްކާފައެއް ނެތް. އެހެންވީމަ މިއަދު ވެސް، މާދަމާ ވިޔަސް އަޅުގަނޑު ގަބޫލެއް ނުކުރަން އިންޑިއާ ސިފައިން މިތަނަށް އަރައި ހިފާނެ ކަމަކަށް،"

ރާއްޖެ އާއި އިންޑިއާގެ ގުޅުމަކީ ޖޯކެއް ނޫން ކަމަށާއި ރާއްޖޭގައި އިންޑިއާ ސިފައިން ނެތް ކަން ތަންދޮރު ދަންނަ ވަރަށް ގިނަ ބަޔަކަށް އެނގޭނެ ކަމަށް ހަލީމް ވިދާޅުވިއެވެ. އިންޑިއާ ސިފައިން އެންމެ ފަހުން ރާއްޖެ އަށް އެރީ ދިވެހިންގެ ރުހުމާއެކުގައި ކަމަށެވެ. އެއީ ނޮވެމްބަރު 3، 1988 ގައި ދިން އުދުވާނީ ހަމަލާއާ ގުޅިގެން ރާއްޖެ ސަލާމަތް ކުރަން ކަމަށާއި ދިވެހިން ބޭނުންވާ ކަންކަން ކޮށް ނިމިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އިންޑިއާ ސިފައިން ފައިބައިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

ދޮންބިލެތް ވަނީ ސިޔާސީ ބޭނުމަށް އަދި އަމިއްލަ ފައިދާ އަށް މިފަދަ ދޮގު ވާހަކަތައް ނުދެއްކުމަށް ގޮވާލައްވާ ކަމަށެވެ.

"ސިޔާސީ ބޭނުމަށް މިކަހަލަ ވާހަކަ ދެއްކުމަކީ އެއްގޮތަކަށް ވެސް ބޭނުން ހުރި ކަމެއް ނޫން. އަޅުގަނޑު ގޮވާލަން ސަރުކާރަށް ވެސް އަދި އަންނަން އޮތް ސަރުކާރަށް ވެސް އިންޑިއާއާ މިގޮތަށް ޒާތީ ގޮތުން މިކަހަލަ ކަންކަން އަމިއްލަ އަށް ފައިދާ އަށް ނުކުރުމަށް. މިއީ ކުރަން ހެޔޮ ވާ ވަރު ކަމެއް ނޫން." ދޮންބިލެތް ވިދާޅުވިއެވެ.

ރައީސް އޮފީހުގައި އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީން ލިބުނު ލިޔުންތަކުގައި ރާއްޖޭގައި 77 އިން ފެށިގެން 89 އާ ހަމައަށް އިންޑިއާ ސިފައިން ތިބި ކަމަށް ދައްކާ ކަމަށެވެ.

"އެއަށްވުރެ އިތުރު ވެސް ވެދާނެ. އަޅުގަނޑުމެންނަށް އަދިވެސް ހުރިހާ މައުލޫމާތެއް ސާފުވި ކަމަކަށް ނުބެލެވޭ. އެހެންވެ އަޅުގަނޑު ދެންނެވީ ޔަގީން ކުރަން ބޭނުންވެއޭ. މިއީ އަޅުގަނޑުމެންނަށް ފެނުނު ރޭންޖު އެކަމަކު އެއަށްވުރެ އިތުރު ވެސް ވެދާނެ،" ރައީސް ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފެށުމަކީ ރައީސްގެ 100 ދުވަހުގެ ވައުދެކެވެ.

Ads by Ooredoo
  1. އަހުމަދު

    މިކަހަލަ ގުނބޯލުންނަކަށް ޤައުމިއްޔަތެއް ނޭނގޭނެ. އިނގޭނީ ސާހިބު މީހާގެ އަޑުދަށުން އެމީހަކު ކިޔާ ބަންޖެއް ކިޔަން. މިކަހަލަ ކުރަފީގެ ކިބައިން ސަލާމަތްވާން ޖެހޭނެ.