ހުޅުމާލެ ސާފުކުރުމަށް ޚާއްސަ މަސައްކަތްކަތެއް އާބަންކޯއިން ފަށައިފި
ހުޅުމާލެ ސާފުކުރުމަށް ޚާއްސަ މަސައްކަތްތަކެއް އާބަންކޯއިން ފަށައިފިއެވެ.
އަބަންކޯ އިން މިއަދު ވިދާޅުވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ފަޒުލް ރަޝީދުގެ އިރުޝާދުގެ ދަށުން އެ ކުންފުނީގެ މުވައްޒަފުން ވަނީ ހުޅުމާލެ ގެ ވަރަށް ބޮޑު ސަރަހައްދެއް ސާފުކޮށްފައި ކަމަށެވެ.
އެގޮތުން 30 ނޮވެމްބަރ އިން ފެށިގެން ކުރިއަށް ގެންދިޔަ ސާފުކުރުމުގެ މަސައްކަތުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ގިނަ އަދަދެއްގެ ކުނި ނަގައި ވަނީ ސާފުކޮށްފައި ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ހިޔާ ސަރަހައްދުން މުޅި ޖުމްލަ 60 ޓަނުގެ ކުނި ނަގާ އެއްކޮށްފައިވާ ކަމަށާއި ބޮޑު އާބާދީއެއް ދިރިއުޅޭ ހުޅުމާލެ ސާފުތާހިރު އަދި ހިތްފަސޭހަ ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އާބަންކޯއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
އާބަންކޯ އިން ވިދާޅުވީ ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ކުނި ނައްތާލުމުގެ މަސައްކަތް މީގެ ކުރިންވެސް ތަކުރާރުކޮށް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މިގޮތުން މަދިރި މަދުކުރުމަށް ދާދި ފަހުން ކުރިއަށް ގެންދިޔަ "ޑެންގީ އިޖާބަ" ކެންޕެއިން ގައި ވެސް ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް، މަދިރި އާލާވުން މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އަރބަންކޯގެ އަމާޒަކި ހުޅުމާލެއަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި ދެމެހެއްޓުން ކަމަށާއި މި އަމާޒަށް ވާސިލްވުމަށް ވަކިވަކި ފަރުދުންވެސް އެބައެއްގެ ފަރުދީ ޒިންމާ އަދާކޮށް، ކުނި ޖަމާކުރަން ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ކުނި ޖަމާ ކުރުމަށާއި، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.
މީގެ އިތުރުން އާބަންކޯއިން ވަނީ އެ ކޯޕަރޭޝަނުން ކުރިއަށްގެންދާ މިފަދަ އިޖްތިމާއީ މަސައްކަތްތަކުގައި ހުޅުމާލޭގެ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށްފައެވެ.