ފެން ކުންފުނިން ޚިޔާނާތުގެ މައްސަލައިގައި ކުންފުނީގެ ފައިނޭންޝަލް ކޮންޓުރޯލަރ ވަކި ކުރީ ރަނގަޅަށް: ޓްރިބިއުނަލް
އެމްޑަބުލިޔުއެސްސީގެ އެސްއޭޕީ ސިސްޓަމްތެރޭން، އޮޅުވާލައިގެން، މަކަރާއި ހީލަތުން ފޭކު އެންޓްރީސްތަކެއް އަޅައި, ކަސްޓަމަރުންގެ އެކައުންޓްސް ސެޓްލްމަންޓްގެ ގޮތުގައި މިލިޔަނުން ވައްކަމާއި ޚިޔާނާތް ހިންގައިގެން ވަޒީފާއިން ކަނޑާލި މައްސަލައިގައި, އެ ކުންފުނީގެ ކުރީގެ ފައިނޭންޝަލް ކޮންޓުރޯލަރ އަރުފަޢު އަހުމަދު އެކުންފުންޏާ ދެކޮލަށް ހުށަހެޅި މައްސަލަ ވަޒީފާއާބެހޭ ޓުރައިބިއުނަލުގައި އެމްޑަބުލިޔުއެސްސީން ކާމިޔާބުކޮށްފިއެވެ.
މި މައްސަލައަކީ، އެކުންފުނީގެ ކުރީގެ ފައިނޭންޝަލް ކޮންޓްރޯލަރގެ މަޤާމުގައި ހުރި އަރުފަޢު އަހުމަދު (މިސްކިތްމަގު. ހުދުވެލި / ޏ. ފުވައްމުލައް)، އެކުންފުންޏާ ދެކޮޅަށް ހުށައެޅި މައްސަލައެކެވެ.
މި މައްސަލައިގާ، އެމް.ޑަބުލިޔު.އެސް.ސީން އެކުންފުންޏަށް ކާކުކަން ނޭނގޭގޮތަށް މީހަކު ކުރި ވިސިލްބުލޯ މައްސަލައެއް، ކުންފުނީގެ އިންޓާރނަލް އޮޑިޓް ޑިޕާޓުމަންޓުން ތަޙުޤީގުކޮށް، ނެރުނު އިންޓާނަލް އޮޑިޓް އިންވެސްޓިގޭޝަން ރިޕޯޓް 01 ނޮވެންބަރު 2022 ގައި އަރުފަޢު އަހުމަދާއި ހިއްޞާކުރުމަށްފަހު، އަރުފަޢު އަޙްމަދުގެ ލޮގިން އިން، ވަކި ކަސްޓަމަރުންތަކެއްގެ ބޮޑެތި ޢަދަދުތަކެއް، އެކަސްޓަމަރުން އެކުންފުންޏަށް ފައިސާ ނުދައްކަނީސް، އޮޅުވާލައިގެން ފައިސާދައްކާފައިވާކަމަށް ސިސްޓަމަށް އަޅާ އެކަސްޓަމަރުންގެ އެކައުންޓްތަށް ސެޓްލްކޮށްފައި ވާކަމަށް ހަދާފައިވާ ޓްރާންސެކްޝަން ތަކަށް ޖަވާބުދާރީވުމަށް އަންގާ، ޖަވާބުދާރީވުމަށް ތިރީސް ދުވަހުގެ ފުރުސަތު ދިނުމުންވެސް، އެކަމަށް އެކަށޭނަ ޖަވާބެއް އަރުފަޢު އަހުމަދު ދީފައިނުވާތީ، އިތުރުފުރުސަތެއް ދިނުމަކާނުލާ 16 ނޮވެންބަރު 2022 ވަނަ ދުވަހު ވަޒީފާއިން ވަކިކޮށްފައިވެއެވެ.
މި ޚިޔާނާތުގައި، ކުންފުނީގެ ފައިނޭންސް ކޮންޓްރޯލާ އާއި އަދި އިތުރު އެހެން މުއައްޒަފެއްގެ އެސް.އޭ.ޕީ ލޮގިންއިން ކަސްޓަމަރުންގެ އެކައުންޓްތަކަކަށް ފައިސާ ދައްކާފައިނުވަނީސް ފައިސާ ދައްކާފައިވާކަމަށް ކަސްޓަމަރުންގެ އެކައުންޓް ސެޓަލްކޮށްގެން، އަރުފަޢު އަހުމަދުގެ އެ ޢަމަލުގެ ސަބަބުން ކުންފުންޏަށް ޖުމްލަ -/966,703.22ރ. (ނުވަލައްކަ ފަސްދޮޅަސް ހަހާސް ހަތްސަތޭކަ ތިން ރުފިޔާ ބާވީސް ލާރި) ގެ ގެއްލުމެއް، އިންޓާނަލް އޮޑިޓް އިންވެސްޓިގޭޝަން ރިޕޯޓުން މިހައިތަނަށް ބަލާފައިވާ މުއްދަތުގައި އެކަނިވެސް ލިބިފައިވާކަމަށް، އެމް.ޑަބުލިޔު.އެސް.ސީން ޓުރައިބިއުނަލުގައި ސާބިތުކޮށްދީފައި ވެއެވެ.
އަދި ކުންފުނިން މިކަމަށްކުރި އިންޓާނަލް އޮޑިޓް އިންވެސްޓިގޭޝަން ރިޕޯޓްގެ ކުރިންވެސް، އަދި އެރިޕޯޓްގައިވާ ގެއްލުމުގެ އިތުރުން މިފަދަ ފޭކް ކަސްޓަމަރ އެކައުންޓް ސެޓްލްމަންޓުތަކެއް ހަމަ އަރުފަޢު އަހުމަދުގެ ލޮގިންއިން ފާހަގަކުރެވިފައިވާ ކަމަށާއި، އެފަހަރު އަރުފަޢު އަހުމަދުގެ ދަށުން މަސައްކަތްކުރި އެކައުންޓްސް ރިސީވަބަލް މުއައްޒަފުންނަށް، ބޭންކު ރިކޮންސިލިއޭޝަންގައި މިފަދަ ފޭކް އެންޓްރީސްތަކެއް ފާހަގަކުރެވިގެން މި ރިވީވަބަލް އެކައުންޓްތަށް ރިކޮންސައިލް ނުކުރެވިގެން އެއެންޓްރީސްތަށް ސިސްޓަމަށް އަޅާފައިވަނީ އަރުފަޢު އަހުމަދުގެ ލޮގިންއިން ކަމަށްވުމުން އެކަން އަރުފަޢު އަހުމަދަށް އެެއިރުގެ ފައިނޭންސް މެނޭޖަރ އަރުފަޢު އަހުމަދުއަށް އެންގި ކަމަށާއި އަދި އެފަހަރުގެ އެ މުޢާމަލާތް ތަކަކީ އޮޅިގެން އެޅިފައިވާ އެންޓްރީސްތަކެއް ކަމަށްބުނެ އެފަހަރުގެ އެއެންޓްރީސްތަށް އަރުފަޢު އަހުމަދު ރިވާސް ކުރުމުން އެފަހަރުގެ އެކައުންޓް ރިކޮންސިލިއޭޝަން ފުރިހަމަކޮށްފައިވާނެކަމަށް އަރުފަޢު އަހުމަދުގެ ދަށުން މަސައްކަތްކުރި މުއައްޒަފުންތަކެއްގެ ހެކިބަޔާނުގައި ވާތީ، މިކަމަކީ ނޭނގި ކުރެވިފައިވާ ކަމެއްކަމަށް ބެލުމުވެ ފުރުސަތެއް ނެތްކަމަށާއި އަދި އަރުފަޢު އަހުމަދުގެ ލޮގިންގައި އެހެންފަރާތަކުން ހިންގާފައިވާ މުޢާމަލާތްތަކެއްކަމުގައި ބެލުމުގެ ފުރުސަތެއް ނެތްކަމަށް ނިންމާފައިވެއެވެ.
ޔުޓުލިޓީ ކުންފުނި ތަކުން ރައްޔިތުން ފޭރެނީ މިގޮތަށް، އެތަކެއް ފައިސާ ބިލްތަކަށް އެޑް ކޮށްގެން އިތުރުކޮށްގެން ކިތަކެއް ފައިސާ މިކުންފުނިތަކުން އެބަފޭރޭ !