މާރާމާރީ ހިންގުމަށް ބޭނުންކުރާ ތަކެތި އައްޑޫ ސިޓީ ހިތަދޫ އިން ހޯދައިފި

އައްޑޫ ސިޓީ ހިތަދޫގައި ގްރޫޕު ހަދައިގެން އެއްވެ އުޅޭ އުސްގަނޑު ބީޗު ސަރަހައްދު ބަލައި ފާސްކޮށް، ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުންކުރާ އެހެނިހެން ތަކެތި ހޯދައިފިއެވެ.
މިއަދު ހަވީރު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި މިތަކެތި ހޯދާފައިވަނީ އުސްގަނޑު ބީޗުގެ އެކި ސަރަހައްދުތަކުގައި ފޮރުވާފައި ހުއްޓައެވެ. އެތަނުން ހޯދި ތަކެތީގެ ތެރޭގައި މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައި ހުރިކަމަށް ބެލެވޭ ތޫނު ހަތިޔާރު، މޫނު ނިވާކުރުމަށް ބޭނުންކުރާ މާސްކު، އަންގި، އަންނައުނު އަދި އެހެނިހެން ބައެއް އާލާތްތައް ހިމެނެއެވެ.
މި އޮޕަރޭޝަންގައި ހިތަދޫ ޕޮލިސް ސްޓޭޝަން، ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް، ސްޕެޝަލިސްޓް އޮޕަރޭޝަންސް އަދި އިންޓެލިޖެންސް ހަރަކާތްތެރިވެފައިވެއެވެ.
އައްޑޫ ސިޓީގައި މި ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހާއި 3 ވަނަ ދުވަހު ހިންގި ގްރޫޕު މާރާމާރީތަކާ ގުޅިގެން، ގޭންގު ހަދައިގެން މާރާމާރީ ހިންގާ މީހުން ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
އެގޮތުން، ތުހުމަތުކުރެވޭ ގޮތަށް ގްރޫޕު ހަދައިގެން އެއްވެތިބޭ މީހުން ބަލައި ފާސްކުރުމާއި އާންމުކޮށް މީހުން އެއްވާ ތަންތަނާއި ގޭބިސީތައް ވެސް ފުލުހުން ގެންދަނީ ބަލައި ފާސްކުރަމުންނެވެ.