އިދިކޮޅު ބެލެހެއްޓޭ ވަރުގެ ބާޒާއި ސިންގާ އެބަތިބި: އަދުރޭ
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ބެލެހެއްޓޭ ވަރުގެ ބާޒާއި ސިންގާ އެބަތިބި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައިމިވަނީ ޕީޕީއެމްގެ ލީޑަޝިޕަށް ވަރުގަދަ ބާޒެއް ނުވަތަ ސިންގާއެއް ބޭނުންވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރައްދު ދެއްވައެވެ.
އިދިކޮޅުން ރޭ ލ.މާވަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށްޓަކާ މިވަގުތު ކޮށްދެވޭނެ އެންމެ މުހިއްމު އެއް ކަމަކީ ޖަލަށްލެއްވުމުގެ އެއް ދުވަސްކުރިން އެމަނިކުފާނު ކުރެއްވި އިލްތިމާސަށް އަމަަލުކުރެއްވުން ކަމަށެވެ.
އެގޮތުން އެ އިލްތިމާސަކީ އެމަނިކުފާނު ނެތް ނަމަވެސް ޕީޕީއެމް/ޕީއެންސީގެ މައްޗަށް މިނިކާ ބާޒުތައް ގަދަވެގަންނަން ޖާގަ ނުދިނުންކަން ފާހަގަކުރައްވަމުން އަދުރޭ ވިދާޅުވީ އެ ދެ ޕާޓީގެ ލީޑަޝިޕް އޮތީ އެފަދަ ބާޒުތަކަށް ފުރުސަތު ދޭގޮތަށް ނޫން ކަމަށެވެ.
"ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ޕީޕީއެމް ނުވަތަ ޕީއެންސީ އަށް ބާޒެއް ނޫނީ ސިންގާއެއް އެބަ ބޭނުންވެއޭ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ޕީޕީއެމް ޕީއެންސީ ބެލެހެއްޓޭވަރުގެ ބާޒާއި ސިންގާ ޕީޕީއެމް ޕީއެންސީގައި އެބަތިއްބޭ" އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީނަށް އިހުލާސްތެރިކަމާއެކު މަސައްކަތްކޮށްދޭކަށް ދުރުން އަންނާކަށް މީހަކު ނެތް ކަމަށާއި އެގޮތުން ޕީޕީއެމް ޕީއެންސީގައި ތިބި މީހުންނަށްވުރެ ރައީސް ޔާމީނަށް އިހުލާސްތެރިވާނެ މީހަކުވެސް އަދި ރައީސް ޔާމީނަށް ވަފާތެރިވާނެ މީހަކުވެސް އެމަނިކުފާނުގެ ހައްގުގައި މަސައްކަތްކުރާނެ ބަޔަކުވެސް މި ގައުމުގައި ނޫޅޭނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އަދި ސިޔާސީ ގޮތުން އަރާނެ އޮޑިއެއް ނެތުމުން މީޑިއާތަކުގައި ޕީޕީއެމް ޕީއެންސީ އާ "ބެހިވަޑައިގަންނަވާނެ ކަމެއްނެތް" ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ޕީޕީއެމްގެ ރިޔާސީ ޓިކެޓު "ބޭފުޅަކު" ކިތަންމެ ބޭނުންވީ ނަމަވެސް އެ ޓިކެޓު ލިބިވަޑައިގަންނަވާނީ ރައީސް ޔާމީނަށް ކަމަށާއި އެކަން ބަދަލު ނުކުރެވޭނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.