ޚަބަރު

ފުރަތަމަ ތިން އަހަރު ޙައްޖަށް ފޮނުވާނީ 50 އަހަރާއި 69 އަހަރާ ދެމެދުގެ ނިކަމެތިން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސް މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ، 1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވުމުގެ ވައުދު ފުއްދުމުގެ ތެރެއިން ފުރަތަމަ 3  އަހަރު ހައްޖަށް ފޮނުވާނީ ރައީސް ހައްޖުގެ އަޅުކަން އަދާކުރެވޭ ފަދަ ސިއްޙަތެއް ހުރި، އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ނިކަމެތިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

Ads by Sosun Fihaara

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، ހައްޖަށް މީހުން ފޮނުވުމުގައި އަމަލު ކުރާނީ، ކަނޑައެޅޭ އުސޫލަކުން، ފަގީރުންގެ ދަފްތަރުން ކަމުގައެވެ. އެ އުސޫލުގައި ހިމެނޭ ބައެއް ކަންކަން ވަޒީރުންގެ މަޖިލިހާއި މަޝްވަރާ ކޮށްގެން މިހާރުވަނީ ނިންމާފައެވެ.

މިގޮތުން ކެބިނެޓުން ނިންމާފައިވަނީ، ހިލޭ ހައްޖަށް ފޮނުވާ މީހުންގެ ތެރެއިން މި އަހަރުގެ ހައްޖަށް ފޮނުވާ 50 މީހުންގެ ހަރަދު ޒަކާތު ފަންޑުން ހަމަޖައްސާށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ހިލޭ ހައްޖަށް ފޮނުވާ މީހުންގެ ޚަރަދު ދައުލަތުގެ ބަޖެޓުންނާއި އެކިސްޕޮންސަރުންގެ އެހީގައި ހަރަދު ހަމަޖެއްސުމަށްވެސް މަޝްވަރާކޮށްފައި ވެއެވެ.

އޭގެ ބައެއް ނިންމުންތަކާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، މި ސިޔާސަތުގެ ދަށުން ހައްޖަށް ފޮނުވުމަށް ނިންމާފައިވަނީ ސިއްޙީ ހާލަތު ތަންދޭ މީހުން ކަމުގައެވެ. އަދި މި ޕްރޮގްރާމްގައި ހައްޖަށް ފޮނުވާނީ އުމުރުން 70 އަހަރުން ދަށުގެ މީހުން ކަމަށާއި، ފުރަތަމަ ތިން އަހަރު ފޮނުވުމަށް ހަމަޖެހިފައިވަނީ 50 އަހަރާއި 69 އަހަރާ ދެމެދުގެ މީހުން ކަމަށެވެ. އަދި ފަހު ދެ އަހަރު 45 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް ފުރުސަތު ދޭން ނިންމާފައިވާކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވެފައިވަނީ، ހިލޭ ހައްޖަށް ފޮނުވާ މީހުން ދަފްތަރުން ނަގަނީ އެފަރާތްތަކަކީ ޒަކާތް ހައްގުވާ މީހުންނަށް ވާތީ އެމީހުންނަށް ހައްޖުވެސް ހައްގުވާނެ ކަމަށް ބަލާފައި ކަމުގައެވެ.

ފަގީރުންގެ ދަފްތަރުގައި މިވަގުތު 6،000 އެއްހާ މީހުން ތިބޭއިރު، މީހުން ކަނޑައަޅާ ގޮތަށް ހަމަޖައްސާފައިވަނީ ޝަރުތު ހަމަވާ މީހުންގެ ތެރެއިން ގުރުއަތެއް ނަގައިގެންނެވެ.

ދައުލަތުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުންނަށް އެތެރޭގެ ދަތުރުފަތުރުތަކުގެ ހަރަދާއި މާލޭގައި ހުރުމުގެ ހަރަދު ވެސް ހަމަޖައްސައިދޭންވެސް ވަނީ ހަމަޖައްސާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!