ހުޅުމާލެ ފޭސް ދޭއްގެ ބަންދުކޮށްފައިވާ ސަރަހައްދަށް ވަނުން މަނާ ކޮށްފި
ޒަރޫރީ ބޭނުމަކާ ނުލާ ހުޅުމާލެ ފޭސް ދޭއްގެ ބަންދުކޮށްފައިވާ ސަރަހައްދަށް ހުއްދަނެތި ވަނުން މަނާކޮށްފިއެވެ.
އާބަންކޯ އިން މިއަދު ބުނީ މި ދުވަސްވަރަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައްގިނަވެ ހުޅުމާލޭގައިވެސް އާދަޔާ ހިލާފަށް މަދިރި ގިނަވެފައިވާ ދުވަސްވަރެއް ކަމުން، ސިއްހީ ދާއިރާގެ ޚިދުމަތްތެރިން ތަކުރާރުކޮށް މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަމުންދާ ކަމަށެވެ.
ހުޅުމާލޭގެ ފޭސް ދޭއްގެ ބަންދުކޮށްފައިވާ ސަރަހައްދަކީ ކޮންސްޓްރަކްޝަން މަސައްކަތުގެ އިތުރުން ހުސްބިންތަކުގައި ބޮޑެތި ގަސްތަކާއި ވިނަހުރި ސަރަހައްދަކަށް ވެފައި އެ ސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށްވެސް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ފޭސް ދޭއްގެ ބަންދުކޮށްފައިވާ ސަރަހައްދަކީ އާންމުންނަށް ހުޅުވާލެވިފައިވާ ސަރަހައްދަކަށް ނުވިނަމަވެސް މަދުން ނަމަވެސް އާންމުން އެ ސަރަހައްދަށް ވަންނަ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.
ހަމަ އެހެންމެ ތަކުރާރުކޮށް އެކި ފަހަރުމަތިން އެ ސަރަހައްދަށް ނުވަނުމަށް އަންގާފައިވާ ކަންވެސް އާބަންކޯ އިން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ހުއްދައެއްނެތި، ޒަރޫރީ އެއްވެސް ބޭނުމަކާނުލާ އެ ސަރަހައްދަށް ނުވަނުމަށް އާބަންކޯއިން ވަނީ އަންގާފައެވެ.