ވިޔަފާރި

އެއާޕޯޓް މަޝްރޫއާއެކު މުޅި ރާއްޖޭގެ އިޤްތިޞާދު ބަދަލުވެގެންދާނެ: އެމްޑީ ޝަރީފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަހަރަކު 25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ފެންވަރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުއަކީ މުޅި ރާއްޖޭގެ އިޤްތިޞާދު ބަދަލުކޮށްލާނެ ޕްރޮޖެކްޓެއް ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުންދާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ވެލާނާ އާ ޕްލޭނާއި އެއާޕޯޓާއި އިކޮނޮމިކް ޒޯން ތަރައްގީ ކުރުމުގެ މަސައްކަތް އިފްތިތާހުކުރަން ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރުމަށްޓަކައި ވައިގެ ސިނާއަތް ކުރިއެރުވުމަކީ މުހިންމު ކަމެއް ކަަމަށެވެ. އަދި އެކަން ކުރެވޭނީ ރައީސް ޑރ. މުޢިއްޒު ފަދަ ދުރުރާސްތާ ޕްލޭން ކުރަން ދަންނަ ލީޑަރަކަށް ކަަމަށް ޝަރީފް ވިދާޅުވިއެވެ.

"މިރޭ މި އިފްތިތާޙް ކުރެވުނު މަޝްރޫއުއަކީ މުޅި ރާއްޖޭގެ އިޤްތިޞާދު ބަދަލުކޮށްލާނެ މަޝްރޫއެއް," ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ, މިއީ ދިވެހިރާއްޖޭގެ އިޤްތިޞާދު މުޅިން އެހެން ހަރުފަތަކަށް ގެންގޮސްދޭނެ މަޝްރޫޢެއްކަމަށާއި، މިއާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ހަމައެކަނި ފަތުރުވެރިން ރާއްޖެއަށް ވަދެގެން އަންނަ އަދި ނުކުމެގެންދާ ދޮރާށީގެ ގޮތުގައި އޮތް އޮތުން ބަދަލުވެގެންދާނެކަމެއް ކަމަށެވެ.

މި ޕްރޮޖެކްޓުގައި ތަރައްޤީވެގެންދާނީ ހަމައެކަނި ޓަރމިނަލްއެއްނޫންކަމަށާއި، އެއަރޕޯޓުގައި ތެޔޮ ރައްކާ ކުރުމުގެ ކެޕޭސިޓިވެސް އިތުރުވެގެންދާނެއެވެ. ޕްރޮޖެކްޓް ނިމޭއިރު 100 މިލިޔަން ލީޓަރުގެ ތެޔޮ ރައްކާކުރާނެ ފެސިލިޓީ ހުންނާނެކަމަށާއި، މިއާއެކު ފްލައިޓްތަކަށް މެއިންޓެނެންސް ރިޕެއަރ އަދި އޮވަހޯލް ކުރެވޭނެ ފެސިލިޓީއެއް ޤާއިމް ކުރެވިގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

މިއާއެކު ޒަމާނީ އައު ޚިދުމަތްތައްވެސް ތަޢާރަފްވެގެންދާނެކަމަށް ޝަރީފް ވިދާޅުވިއެެވެ. އެގޮތުން ޒަމާނީ ޗެކިން ފެސިލިޓީ ތަކާއި، ސެލްފް ސަރވިސް ކިއޮސްކް ތަކާއި، ކެފޭ، ރެސްޓޮރަންޓްގެ އިތުރުން ކައިރީގައިވާ ސިޓީތަކާއި، ރިޒޯޓްތަކަށް ދަތުރުފަތުރުގެ ފަސޭހަ ޚިދުމަތްތައް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!