ޚަބަރު

ސަރުކާރުން ވިދާޅުވަނީ އިންޑިއާ ސިފައިން ފޮނުވާލުމަކީ ގައުމީ ޖިހާދެއް ކަމަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ގައުމީ ޖިހާދެއް ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

Ads by STELCO

މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ ސަރުކާރުގެ މިސްރާބާއި ކުރަން އުޅޭ ކަންތައް ވެސް ވަރަށް ސާފު ކަމަށެވެ.

“ސަރުކާރުން މި ދަންނަވަނީ އިންޑިއާ ސިފައިން މި ގައުމުގައި ތިބެގެން ނުވާނެއޭ. މިހާރު ތިބި މީހުން ޖެހޭނީ ގާނޫނީ ހަމަތަކުގެ ތެރެއިން މި ގައުމު ދޫކޮށް ދާންށޭ," ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެ އިން ފޮނުވާލުމުގެ މަސައްކަތް ތަހުޒީބީ ގޮތެއްގައި ކުރަމުންދާ ކަމަށާއި އިންޑިއާ ސިފައިން ރާއްޖޭގައި ނުތިބުމަށް ރައްޔިތުން ތަކުރާރުކޮށް ގޮވާލާ ކަމަށެވެ.

އަދި އެއީ ގައުމީ ޖިހާދެއް ކަމަށާއި އެކަން ކޮޅެއްގައި ޖެހެންދެން ހުއްޓާނުލާ ކުރިއަށް ގެންދިޔުން ވަރަށް މުހިއްމު ކަމަށް ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ތިބި އިންޑިއާ ސިފައިންގެ އަދަދެއް ބަދަލެއް އައިސްފައިވޭތޯ ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގައި ތިބީ 88 ސިފައިން ކަމަށެވެ. އެއަދަދަށް ބަދަލެއް އައިސްފައިވާ ނަމަ އެކަން ހާމަކުރާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!