މިއީ މިހާތަނަށް ވުޖޫދުވި އެންމެ ނާޤާބިލް ވެރިކަން: ޖަމީލް
މިއީ މިހާތަނަށް ވުޖޫދުވި އެންމެ ނާޤާބިލް ވެރިކަން ކަމަށާއި މި ވެރިކަން ގެންނަން އެންމެ ގިނަ މަސައްކަތް ކުރެއްވި އެއް ބޭފުޅާ ކަމަށްވާ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ފާޑުވިދާޅުވެ ޖަމީލު މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ކުޑަ ޤައުމަކަށް ކުޅަދާނަ ނުވާ ވަރަށް ސިޔާސީ މަޤާމްތައް އިތުރުކޮށްފި ކަމަށާއި ބަޖެޓަށްވުރެ އެތައް ގުނައެއް އިތުރަށް ޚަރަދުކުރުމަކީ މައްސަލައެއް ކަމަކަށް މި ސަރުކާރުން ނުދެކޭ ކަމަށެވެ. މިސަރުކާރުގައި ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ވެސް ނެތް ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.
"ސިޓިއަކަށް ޖަވާބު ނުލިބި ރައްޔިތު މީހާ ދާއިމީ އިންތިޒާރެއްގައި ހުންނަންޖެހިފައި. އެތައް ކޮމިޝަންތަކެއް، ކޮމިޓިތަކެއް އުފެއްދިޔަސް ޚިދުމަތް ފެއިލްވެފައި. ޙައްޤުތައް ކަށަވަރުކޮށްދޭންވީ ވަޢްދުވީ ބިލާހަކަށް. ޚިޔާލް ފާޅުކޮށްފިނަމަ އަދިވެސް ވަޒީފާ ގެއްލޭ." ޖަމީލް ވިދާޅުވިއެވެ.
ސަރުކާރުގެ އިޤުތިޞާދީ ސިޔާސަތައް ފާޑުވިދާޅުވަމުން ޖަމީލް ވިދާޅުވީ އަހަރު ނިމުނުއިރު އިޤްތިޞާދުގައި ދިރުމެއް ނެތް ކަމަށެވެ.
"އަހަރު ނިމުނުއިރު އިޤްތިޞާދުގައި ދިރުމެއް ނެތް. ވިޔަފާރިތައް މަރުވެ މީހުން ރޯން ފަށައިފި. ބޮޑެތި ވަޢުދުތައް ވީއިރު އާމްދަނީ އިތުރުކުރާނެ ގޮތްތަކެއް ނުހޯދޭ. ޓެކުހަށް އެކަނި ބަރޯސާވެ ނިމިއްޖެ. މާނައެއް ނެތް ކުދިކުދި ކަންތައްތަކެއް ގުނުން ފިޔަވައި އުފެއްދުންތެރި ވިސްނުމެއް ނެތް." ޖަމީލް ވިދާޅުވިއެވެ.
ސަރުކާރުން ބޮޑެތި އަދަދުތަކުން ގިނަ ކުންފުނިތަކަކަށް ބަދަލު ދީފައި ވާތީ އެކަމަށް ފާޑުވިދާޅުވަމުން ޖަމީލް ވިދާޅުވީ ބަދަލް ދިނުމުގެ ނަމުގައި ކޮރަޕްޝަންގެ ދޮރު ވަނީ ހުޅުވާފައި ކަމަށެވެ. "ދަޢްލަތުގެ މުދަލުން ޕާޓީއަށް ކެމްޕެއިން ކޮށްދިނީ އެންމެ އިސްފަރާތުން. ޓްރާންސްޕޭރެންސީއެއް ނެތި މަޝްރޫޢްތައް ދިނުން ވަނީ ސިޔާސަތަކަށް ހަދާފައި. ސަރުކާރު ތެރޭގައި ގޭންގް ހަދައިގެން ކޮރަޕްޝަން ހިންގާ ގްރޫޕެއް އެބައޮތް." ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ގެންދަވަނީ ސަރުކާރުން ކުރަމުން ގެންދާ ކަންތައްތަކަކަށް ވަރަށް ގިނައިން ފާޑުވިދާޅުވަމުންނެވެ.