އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ފެބްރުއަރީ 3ގައި
![](https://dhen.mv/wp-content/uploads/2024/01/photo_2024-01-14-19.39.10-850x548.jpeg)
މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނެ އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައެޅުމަށް ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކުގައި އަންނަ މަހުގެ ޕްރައިމަރީ ބާއްވަން ނިންމައިފި އެވެ.
އެމްޑީޕީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކާއި، އެ ދާއިރާތަކަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް އާންމުކޮށްފަ އެވެ. އެގޮތުން 43 ދާއިރާއެއްގައި އެމްޑީޕީން ޕްރައިމަރީ ބާއްވާއިރު އެ ދާއިރާތަކުގައި ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހު ކަމަށް އެމްޑީޕީން ބުނެ އެވެ.
މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ޕާޓީގެ މެމްބަރުންނަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތުގައި، އެއް ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ދާއިރާތަކަށް ޕްރައިމަރީއަކާއި ނުލާ ވަނީ ޓިކެޓް ކަށަވަރުވެފަ އެވެ. އެގޮތުން 36 ފަރާތަކަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުވެފައިވާއިރު އޭގެތެރޭގައި މިހާރު ވެސް މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވަމުން ގެންދަވާ ބައެއް މެމްބަރުން ހިމެނެ އެވެ.
މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު އެވެ.