ރާއްޖޭގައި ހިންގާ މަޝްރޫޢުތައް ހިންގަނީ މޫސުމީ ބަދަލުތަކާ މެދު ވިސްނައިގެން: ރައީސް މުޢިއްޒު

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ސީޖީޓީއެންއަށް ދެއްވި ޚާއްސަ އިންޓަވިއުއްގައެވެ.
އެގޮތުން ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކަކީ ހަގީގީ ކަމެއް ކަމަށެވެ.
އެހެން ކަމުން ރާއްޖެއަށް އޮތް ހައްލަކީ މޫސުމީ ބަދަލުތަކުން އަރައިގަނެ، އެއާ އެއްގޮތަށް ފިޔަވަޅުތައް އެޅުން ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ހިންގާ މަޝްރޫއުތައް ވެސް ހިންގަނީ މޫސުމީ ބަދަލުތަކާ މެދު ވިސްނައިގެން ކަމަށެވެ.
މިގޮތުން އެންމެ މުހިންމު ކަމަކީ އެ ކަމަށް ޚާއްސަ ފިޔަވަޅުތައް އަޅައިގެން ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއާއި، ފުށިދިއްގަރު ފަޅު ހިއްކައިގެން ހިންގާ ރަސްމާލެ މަޝްރޫއަކީ ވެސް ސޭފް އައިލެންޑް ކޮންސެޕްޓަށް، މޫސުމީ ބަދަލުތަކަށް ވިސްނައިގެން ހިންގާ މަޝްރޫޢުތަކެކެވެ.
ހަމަ އެހެންމެ ތެޔޮ އަންދައިގެން ހަކަތަ އުފައްދާ މިންވަރު މަދުކޮށް އިއާދަކުރަނިވި ހަކަތައިން، ހަކަތަ އުފައްދާ މިންވަރު އިތުރުކުރުން ހިމެނޭކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.