ކާގޯ ޓާމިނަލް 2022 ވަނަ އަހަރު ނިމުނު, ކުރީ ސަރުކާރުން އެތަން ބޭނުން ނުކުރި: އެމްޑީ ޝަރީފް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ކާގޯ ޓަރމިނަލްގެ މަސައްކަތް އޮތީ މީގެ އެތައް ދުވަހެއް ކުރިން ނިމިފައިވާ ކަމަށާއި އެތަން ބޭނުންކުރަން ފެށުން ކުރީ ސަރުކާރުން ލަސްކޮށްފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް ވިދާޅުވެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ކާގޯ ޓަރމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ 2018 ވަނަ އަހަރު މަސައްކަތް ފެށިގެންދިޔަ ކާގޯ ޓަރމިނަލްގެ މަސައްކަތް 2022 ވަނަ އަހަރު ނިމިފައިވާކަމަށެވެ. ނަމަވެސް އެތަން ބޭނުންކުރުމަށް އެއްވެސް އިސްކަމެއް އޭރު ނުދެއްވާކަން ޝަރީފް ފާހަގަކުރެއްވިއެވެ. ޝަރީފް ވިދާޅުވީ ޤައުމު ތަރައްޤީއަށް ހިންގާ މިފަދަ މަޝްރޫޢުތައް ނިމުމުންވެސް، އެ ތަންތަނުގެ ބޭނުން ނުހިފުމަކީ ރައްޔިތުންގެ ފައިސާ އިސްރާފުކުރުންކަމަށެވެ.
"މި އިމާރާތް ޓެކްނިކަލީ 2022 ވަނަ އަހަރު ނިމުކަމުގައިވިޔަސް ބޭނުންކުރުމަށް އެހާބޮޑު އިސްކަމެއް ނުދީ ގިނަ ދުވަސްވެ، 2023 ވަނަ އަހަރާއި ހަމައަށް ދިގުލައިގެން ވަނީ ގޮސްފައި. ތަން ރަސްމީކޮށް ހަވާލުކޮށްފައިވެސް އޮޕަރޭޝަނަށް ނުގެނެސް ގިނަ ދުވަސްތަކެއް ދިޔަ. މި ފަދަ ތަނެއް ޤާއިމްކޮށް، އެތަނުގެ ބޭނުން ނުހިފި ފާއިތުވާ ކޮންމެ ދުވަހަކީ ދިވެހި ރައްޔިތުންގެ ފައިސާތަކެއް އެއްވެސް ފައިދާއެއް ނެތި ބޭކާރުވެގެންދާ ދުވަހެއް" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެ މަނިކުފާނުގެ ސަރުކާރުގެ އަމާޒަކަށްވީ ވީ އެންމެ އަވަހަކަށް ކާގޯ ޓަރމިނަލް ހުޅުވައި ކާގޯގެ ހިދުމަތް އައު ޓަރމިނަލަށް ބަދަލުކުރުންކަމަށެވެ. އެ ގޮތުން އެއަރޕޯޓްގެ އައު މެނޭޖްމަންޓުން 27 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލާފައިވާކަން ޝަރީފް ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ 27 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމޭނެކަމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފެއްދިކަމަށާއި، ނަމަވެސް އެ ކުރު މުއްދަތުގެ ތެރޭގައި އައު ކާގޯ ޓަރމިނަލް ހިދުމަތަށް ގެނެވިގެން މިދަނީ އެމްއޭސީއެލްގެ މުވައްޒަފުން ރެއާއި ދުވާލު ކުރި ބުރަ މަސައްކަތުންކަމަށެވެ. ޝަރީފު ވިދާޅުވީ އައު ކާގޯ ޓަރމިނަލާއެކު މިހާރު ދިމާވާ ދަތިތަކަށް ހައްލުވެގެންގޮސް، ކާގޯގެ ހިދުމަތް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމަށެވެ.
އެއަރޕޯޓްގައި މިހާރު ބޭނުންކުރަމުންދާ ކާގޯ ޓަރމިނަލަކީ މީގެ 40 ވަރަކަށް އަހަރު ކުރިން ހެދި ޓަރމިނަލެކެވެ. ނަމަވެސް އައު ކާގޯ ޓަރމިނަލަކީ މިހާރު ހުރި ޓަރމިނަލަށްވުރެ 2 ގުނަ ބޮޑުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ކާގީ ޓަރމިނަލަކެވެ.