ދިއްދޫ ފެނަކަ މުވައްޒަފުން ވަޒީފާއިން ވަކިކުރި މައްސަލަ މަޖިލީހަށް
ހއ. ދިއްދޫ ފެނަކައިގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ވަޒީފާއިން ވަކިކުރި މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ވިދާޅުވީ ދިއްދޫ އައު އިންޖީީނުގެ މަސައްކަތް ނިމެންދެން މުވައްޒަފުން ވަޒީފާގައި ބޭތިއްބުމަށް ފެނަކަ ކޯޕަރޭޝަން އަށް ދެންނުވަށް އެދި މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.
މަޖިލީހަށް ވަހީދު ހުށަހެޅި ސިޓީގައި ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ހއ. ދިއްދޫގައި އިމާރާތްކުރަން ފަށާފައިވާ ދިއްދޫ އައު އިންޖީނުގެއާއި، އައިސް ޕްލާންޓުގެ މަސައްކަތަށް ފެނަކަ ކޯޕަރޭޝަނުން ވަޒީފާ ދީފައިވާ 57 ކޮންޓްރެކްޓް މުވައްޒަފުން، އެއްވެސް ނޯޓިސްއެއް ދިނުމަކާއި ނުލާ، ކުއްލި ގޮތަކަށް އެ މުވައްޒަފުން ވަޒީފާތަކުން ވަކިކުރިކަން އެ މުވައްޒަފުންގެ ފަރާތުން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އަދި މިކަމުގެ ސަބަބުން، އެ މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކަށް ނުހަނު ބޮޑު ނުތަނަވަސްކަމެއް ލިބި، އެކަމުގެ ޝަކުވާއާއި ކަންބޮޑުވުން މި ވަގުތު އިންތިހާއަށް އެބައޮތް ކަމަށާއި އިންޖީނުގޭގެ މަސައްކަތް ނުނިމޭ ކަމަށްވެސް ބުނެފައިވެއެވެ.
އެ މުވައްޒަފުންނަށް ނޯޓިސް ދީ ކުއްލިގޮތަކަށް ވަޒީފާތަކުން ވަކިކުރުމުން، އެ މަސައްކަތް ހުއްޓި އަދި މުވައްޒަފުންނާއި އާއިލާތަކަށް ބޮޑު ގެއްލުންތަކާއި ނިކަމެތިކަމެއް މެދުވެރިވެގެންދާނެ ކަމަށް ކަމުގައި ދޭކަމަށް މެންބަރު ވިދާޅުވެފައިވެއެވެ.
މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބެލުމަށާއި، ދިއްދޫ އައު އިންޖީނުގެއާއި އައިސްޕްލާންޓުގެ މަސައްކަތް އަވަހަށް ނިންމުމަށް ބާރުއަޅާ، އެ މަސައްކަތްތައް ނިމެންދެން އެ މުވައްޒަފުން ވަޒީފާގައި ބޭތިއްބުމަށް ފެނަކައަށް ދެންނެވުމަށްޓަކައި، އެ މައްސަލަ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ފޮނުވައިދެއްވުމަށް ވަހީދު ވަނީ އެދިފައެވެ.