ޚަބަރު

ކައުންސިލްތައް ބާރުވެރިވާތަން މިދަނީ ފެންނަމުން: މިނިސްޓަރ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކައުންސިލްތައް ބާރުވެރި ކުރުވާތަން ފެންނަމުންދާ ކަމަށް ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރު އާދަމް ޝަރީފު މިހެން ވިދާޅުވީ ރައްޔިތުންގެ މަންފާ އަށް ބޭނުން ކުރެވޭ ގޮތަށް ކައުންސިލްތަކަށް ފަޅު ރަށްތައް ދޫކުރަން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލްތައް ބާރުވެރި ކުރުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ސިޔާސަތެއް ކަމަށެވެ. އެ ސިޔާސަތު ތަންފީޒުވަމުންދާތަން މިހާރު ފެންނަމުންދާ ކަމަށާއި މިއީ ރައްޔިތުންނަށް އުއްމީދު އާވާ ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން މިގޮތަށް ނިންމާފައިވަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤްތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްތައް ދޫކުރުމާއި ބެހޭ ޤަވާއިދަށް، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ގެނައި އިޞްލާހުގަ އެވެ.

އެ ވުޒާރާއިން ބުނި ގޮތުގައި ރައީސްގެ މި ނިންމެވުމާއެކު ފަޅުރަށްތައް ކައުންސިލްތަކަށް ދޫކުރާނީ އެ ކައުންސިލްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ވަޒަންކުރުމަށްފަހު އެވެ. ޕްރޮޕޯސަލްތައް ވުޒާރާއަށް ހުށަހެޅުމުގެ ކުރިން ރަށުގެ ރައްޔިތުންނާ މަޝްވަރާކޮށް ރައްޔިތުންގެ ބައްދަލުވުމަކުން އެ ޕްރޮޕޯސަލް ފާސްކުރަން ޖެހޭނެ އެވެ.

ކައުންސިލްތަކުން ޕްރޮޕޯސަލް ހުށަހެޅޭނީ ސަރުކާރުން ކަނޑައަޅާ ރަށްތަކަކަށެވެ. ފަޅު ރަށްތައް ކައުންސިލްތަކަށް ދޫކުރާނީ 10 އަހަރުގެ މުއްދަތަކަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!