ޚަބަރު

އަންނަ އަހަރު ތެރޭ ބަރާބަރަށް ސާވިސް ޗާޖު ދެވޭނެ: އާޒިމް

ދެން އެމްވީ ، ދެން އޮންލައިން

ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަންނަ އަހަރު ސާވިސް ޗާޖު ބަރާބަރަށް ދެވިގެންދާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ސާވިސް ޗާޖު ދޭންޖެހޭ ވަރަށް ނުދެވޭކަން އެއީ ފެށިނީއްސުރެން ފެށިގެން ވެސް އެނގޭ ކަމެއް ކަމަށާއި އެކަން އެގޮތަށް ދިމާވާންޖެހޭ ސަބަބު ހޯދުމަށް ކޮންމެވެސް ކަހަލަ ދިރާސާއެއް ކުރަންޖެހޭ ކަމަށެވެ.

ސާވިސް ޗާޖުގެ މައްސަލަ ހައްލުކުރުމަކީ އެހާ ފަސޭހަ ކަމެއްވެސް ނޫން ކަމަށާއި ނަމަވެސް އަންނަ އަހަރުގެތެރޭގައި މުވައްޒަފުންނަށް ބަރާބަރަށް ސާވިސް ޗާޖު ދެވިގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

"2020 ގައި ސާވިސް ޗާޖު އެ ދޭންވާ ފަރާތްތަކަށް، އެ ދޭންވާ އުޖޫރަ ބަރާބަރަށް ދެވިގެން ނިމިގެންދާނެ. އެއީ އަޅުގަނޑުމެންގެ ވައުދެއް. އެއީ މި ސަރުކާރުގެ ވައުދެއް. އެކަން އަޅުގަނޑުމެން ކުރާނަން" އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގެ ތެރޭގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ރިސޯޓު މުވައްޒަފުންނަށް ދިމާވާ ކަންތައްތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށްޓަކާ ހަދަންޖެހޭ ގާނޫނުތަކާއި އަދި އިސްލާހު ގެންނަންޖެހޭ ގާނޫނުތައް ބަލަމުން އަންނަ ކަމަށާއި އަންނަ އަހަރަކީ ސަރުކާރުން ވެފައިވާ ހުރިހާ ވައުދެއް ފުއްދުމަށް ގާނޫނުގެ ތެރެއިން ކުރެވެން ހުރި ކަންކަމުގެ ބޮޑުބައެއް ނިމިގެންދާނެ އަހަރެއް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު ޔަގީންކޮށްދޭނަން ހަމަ ރިސޯޓުގެ ހުރިހާ މުވައްޒަފުންނަށް، ތިބޭފުޅުންނަށް ލިބެންޖެހޭ ސާވިސް ޗާޖު އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުތެރޭ ބަރާބަރަށް ދެމުންގެންދިޔުމަށް ރިސޯޓުތަކަށް، ހަމަ ޔަގީން ޓޫރިޒަމް މިނިސްޓަރު މަޖުބޫރުވެސް ކުރައްވާނެ އަދި އެ ބޭފުޅުންނަށް ރައްދުވެސް ކޮށްދޭނެ" އާޒިމް ވިދާޅުވިއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!