ފަލަސްތީނުގެ ދިފާއުގައި ރާއްޖެއިން ނާމްގައި އަޑު އުފުލައިފި
އިސްރާޢީލުން ލާއިންސާނީ ހަމަލާތައް ދެމުންދާ ފަލަސްޠީނުގެ ރައްޔިތުންނަކީ، ރައްކާތެރިކަމާއި ތަނަވަސްކަމާއެކު ދިރިއުޅުމުގެ ފުރިހަމަ ހައްޤު ލިބިގެންވާ ބައެއް ކަމަށާއި، ދިވެހިން އަބަދުވެސް ފަލަސްޠީނުގެ ރައްޔިތުންނާއި އެއްކޮށް ތިބޭނެކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ނަން-އެލައިންޑް މޫވްމަންޓް، ނާމްގެ 19 ވަނަ ސަމިޓްގެ މިނިސްޓަރުންގެ ބައްދަލުވުމުގައި ތަޤްރީރު ކުރައްވަމުންނެވެ. ޚާރިޖީ ވަޒީރު ވިދާޅުވީ މިޒަމާނުގައި ދިމާވާ ދަތި އުނދަގޫތަކާއި ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭގައި ދިރިއުޅެމުންދާ، ޚާއްސަކޮށް ފަލަސްޠީނުގެ ރައްޔިތުން، އެމީހުންގެ ކަރާމާތް ހިމާޔަތްކޮށް ތަނަވަސް ދިރިއުޅުމެއް އުޅެވޭނެ ހާލަތަކަށް ގެނުވަންޖެހޭކަމަށެވެ.
ދުނިޔޭގެ ކަންކޮޅުތަކުގައި ހާލުގައި ޖެހި ބޮޑެތި ގޮންޖެހުންތަކާއި އަނިޔާތައް ތަޙައްމަލު ކުރަމުންދާ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެޙާލަތުން އެ ޤައުމުތަކުގެ ރައްޔިތުން ސަލާމަތްކުރުމުގެ ޢަޒުމުގައި އުންމީދާއެކު ކުރިއެރުން ގެންނަން މަސައްކަތްކުރާއިރު، ދުނިޔޭގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ދުޝްމަނުން ކުރިމަތިކުރުވާ ގޮންޖެހުންތަކުގެ ސަބަބުން ބިރުގަނެ، ބަލިކަށިކަން އިހުސާސްވި ކަމުގައިވިޔަސް އެކަން ކުޑަކަމެއްގެ ގޮތުގައި ބަލައިގަނެގެން ނުވާނެކަމަށާއި، އަނިޔާ ލިބެމުންދާ މީހުންގެ ހައްޤުގައި އެމީހުން ސަލާމަތްކުރުމަށް ފުރިހަމަ އެއްބާރުލުމާއި ސަމާލުކަން ދޭންޖެހޭ ކަމަށް ޚާރިޒީ ވަޒީރު ވިދާޅުވިއެވެ.
"ޤައުމުތަކަށް ކުރިމަތިކުރުވަމުންދާ ގޮންޖެހުންތަކުގެ ވާހަކަތަކަކީ ނިމުމެއް އަންނާނެ ވާހަކަތަކެއް ނޫން. އައު އަދި ބޮޑެތި ގޮންޖެހުންތަކާއި އިންޒާރުތަކުން ދުނިޔޭގެ ކަންކޮޅުތައް ވަށާލާއިރު، ދުޝްމަނުން ފޮނުވާ ސައިބަރ އެޓޭކަރުން، އެމީހުން އެޓޭކު ކުރާ ޓްރެންޑުތައް ދަނެގެން ތިބުން ބުއްދިވެރި. ޑިޖިޓަލް ހަނގުރާމައެއް ކުރިމަތިވެދާނެ ކަމަށް ތައްޔާރުވެތިބެން ޖެހޭ." ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ނަން-އެލައިންޑް މޫވްމަންޓް، ނާމް ސަމިޓްގެ މަޤްސަދަކީ ސުލްހައާއި، ހަނގުރާމައިގެ ތެރޭގައި ދިރިއުޅުން ކަޑަައްތުކުރަމުންދާ ޤައުމުތަކާއި، އިޤްތިސާދީ ތަރައްޤީއާއި އިސްތިއުމާރުގެ ދަށުގައިވާ ޤައުމުތައް އަޅުވެތިކަމުގެ ދަށުން ސަލާމަތްކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް 1955 އިން ފެށިގެން ކުރިއަށް ގެންދާ ސަމިޓެކެވެ.
ނާމްގެ 19 ވަނަ ސަމިޓަކީ ޖުމްލަ 120 މެންބަރު ޤައުމު ހިމެނޭ ސަމިޓެކެވެ. ނާމް ސަމިޓް ރަސްމީކޮށް ފަށާފައިވަނީ 1961 ވަނަ އަހަރު ޔުގަސްލަވިއާގެ ބެލްގްރޭޑުގައެވެ. މިފަހަރުގެ ނާމް-19 ވަނަ ސަމިޓް ކުރިއަށްދަނީ ޔުގަންޑާގެ ވެރިރަށް ކަމްޕާލާގައެވެ. ސަމިޓްގެ ތީމަކީ "Deepening Cooperation for Shared Global Affluence" މިއެވެ.
ނާމްގެ މެންބަރު ޤައުމަކަށް 1976 ވަނަ އަހަރު ދިވެހިރާއްޖެ ވީފަހުން ރާއްޖެއަކީ ނާމްގައި ވަރަށް ހަރަކާތްތެރި ޤައުމެކެވެ. އެގޮތުން ބައިނަލްއަޤްވާމީ ސުލަޙައާއި އެއްބައިވަންތަކަމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުވެ ހުންނާނެކަމަށާއި، ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް ނާމްގެ ތެރެއިން ރާއްޖެއިން މަސައްކަތްކުރާނެކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.