ޚަބަރު

ލޮސް އެންޑް ޑެމޭޖް ފަންޑުން އެހީ ލިބޭ އުސޫލުތައް ފަސޭހަކުރަންޖެހޭ: ނައިބު ރައީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމަށް ފައިނޭންސް ހޯދުމުގެ މަސައްކަތް އިސްކަމެއްދީގެން ބާރަށް ކުރިއަށްގެންދަން ޖެހޭކަމަށާއި އަދި މޫސުމަށް އަންނަ ބަދަލުތަކަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އިތުރަށް ހޯދަންޖެހޭ ފައިނޭންސް ހޯދުމަށް ބާރުއަޅައި މަސައްކަތް ކޮށްދެއްވުމަށް "ގްރޫޕް އޮފް 77 އެންޑް ޗައިނާ"ގެ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.

Ads by STELCO

"ގްރޫޕް އޮފް 77 އެންޑް ޗައިނާ" (ޖީ77) ގެ ދަށުން ބާއްވާ ތިންވަނަ ސައުތް ސަމިޓްގައި ރާއްޖޭގެ ފަރާތުން ތަޤުރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފައިނޭންސް ހޯދުމުގައި ލުއިގޮތްތަކެއް ހަމަޖެއްސުމަށް ވަކާލާތު ކުރައްވައިވެސް ވާހަކަފުޅު ދައްކަވާފައެވެ. މި ސަމިޓް ކުރިއަށްގެންދަނީ "ލީވިންގ ނޯ ވަން ބިހައިންޑް" މި ޝިޢާރަށެވެ.

މި ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން، މި ފަނޑުން އެހީ ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ޤައުމެއްގެ އުފެއްދުންތެރިކަމުގެ ނިސްބަތަށް އެކަނި ބެލުމުގެ ބަދަލުގައި، ފަންޑުން އެހީ ލިބޭ އުސޫލުތައް ވީހާވެސް ފަސޭހަ ކުރުމުގެ ބޭނުންތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ "ގްރޫޕް އޮފް 77 އެންޑް ޗައިނާ" (ޖީ77)އިން އެ ޖަމާޢަތުން އިސްކަންދޭ ކަންކަން ބައިނަލްއަޤްވާމީ މައިދާނުގައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ފައިނޭންސް އިތުރުކުރަންޖެހޭ ކަމުގައިވެސް ވިދާޅުވިއެވެ. އަދި 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގައި 'ލޮސް އެންޑް ޑެމޭޖް ފަންޑު' ޢަމަލީ ގޮތުން ހިންގުމުގައި މި ގްރޫޕްގެ އެއްބައިވަންތަކަން މުހިންމު ދައުރެއް އަދާކުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ފަންޑުގެ ބޭނުން އެންމެބޮޑަށް ޖެހިފައިވާ ޤައުމުތަކަށް ފަންޑުގެ އެހީތެރިކަން ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެ، އެމަނިކުފާނު ވަނީ ތަރައްޤީވެފައިވާ ޤައުމުތަކުން މި ފަންޑަށް ދީލަތި އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތި ހާލަތުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ފަލަސްޠީނުގެ ކުށެއްނެތް އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންގެންދާ ޢުދުވާންތައް ދިވެހިރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރުން ތަކުރާރު ކުރެއްވިއެވެ. އަދި މި މައްސަލައަށް ބައިނަލްއަގުވާމީ މުޖުތަމަޢުން ހައްލެއް ހޯދެންދެން ފަލަސްޠީނުގެ މައްސަލައިގައި ރާއްޖެއިން ވަކާލާތުކުރުމުގައި ދެމިއޮންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޔުގަންޑާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ އެ ޤައުމުގެ ކަމްޕާލާގައި ކުރިއަށްގެންދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގައާއި "ގްރޫޕް އޮފް 77 އެންޑް ޗައިނާ" (ޖީ77) ގެ ދަށުން ބާއްވާ ތިންވަނަ ސައުތް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!