ނުރުހުމާއި ދެބަސްވުންތައް މާޒީއަށް ދޫކޮށް އެމްޑީޕީ އަދި ޑިމޮކްރެސްޓް އެކުގައި މަސައްކަތް ކުރަން ރާއީ ގޮވާލައިފި
ނުރުހުމާއި ދެބަސްވުންތައް އެއްފަރާތްކޮށް, އެމްޑީޕީ އަދި ޑިމޮކްރެޓްސް އެކުގައި މަސައްކަތް ކުރަން ނިކުންނަން ޖެހޭ ކަމަށް މަކުނުދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސްއަކީ އެމްޑީޕީން ވަކިވި މަޖިލީހުގެ މެންބަރުންތަކެއް އުފެއްދި ޕާޓީއެކެވެ. އެ ޕާޓީ އުފެއްދީ އެމްޑީޕީން އެ ޕާޓީގެ އަސާސްތައް ނުހިފަހައްޓާ ކަމަށް ބުނެއެވެ.
އެމްޑީޕީއާއި ޑިމޮކްރެޓްސްގެ އިސް ލީޑަރުން މަޝްވަރާ ކުރައްވާ ފޮޓޯތަކެއް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ.
އެ ފޮޓޯ އެކްސްގައި ހިއްސާ ކުރައްވަމުން މިއަދު ކުރެއްވި ޕޯސްޓެއްގައި ރާއީ ވިދާޅުވީ, މި ސަރުކާރުން އަމަލު ކުރަމުންދާ ގޮތުން ރައްޔިތުންނާއި ދިވެހި ޤައުމަށް ލިބެމުންދާ ގެއްލުންތަކުން ސަލާމަތް ކުރުމަށް ކުރެވޭނެ ކަންކަމާއި ގުޅޭ ގޮތުން އެމްޑީޕީ އަދި ޑިމޮކްރެޓްސްއިން މަޝްވަރާ ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ. އަދި އެކަން ކުރެވޭނީީ ދެބަސްވުންތަކުން ދުރުވެ, ނުރުހުންތައް މާޒީއަށް ދޫކޮށްލައިގެން ކަމަށް ވިދާޅުވއިެވެ.
"ނުރުހުމާއި ދެބަސްވުންތަކާއި މާޒީ ދޫކޮށްލާފައި ގައުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަކީ އެއްމެ މުހިއްމު ކަންކަން" ރާއީ އެކްސްގައި ވިދާޅުވިއެވެ.
ޑިމޮކްރެޓްއާއި އެމްޑީޕީން ބައްދަލުވުމެއް ބާއްވާފައިވާއިރު, މި ބައްދަލު ކުރެއްވުމުގައި ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާއި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އިންނެވިއެވެ.
އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ފަރާތުން ބައްދަލުވުމުގައި ތިއްބެވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި އެ ޕާޓީގެ ޕީޖީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ, އެމްޑީޕީގެ ރައީސް, ރައީސް ޞާލިހްގެ ކޮއްކޯފުޅު, ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.
މި ބައްދަލު ކުރެއްވުމުގެ މަޤްސަދެއް ނުވަތަ ބައްދަލުވުމެއް ބާއްވާ މަޝްވަރާ ކުރެއްވި ކަމެއް ވެސް ދެ ޕާޓީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.