ގާސިމް, ނާޒިމް އަދި ސިޔާމްގެ ގޮނޑި ކޮންގްރެސް ޕާޓީން ދޫކޮށްލައިފި
ތިން ޕާޓީއެއްގެ ލީޑަރުން ވާދަކުރައްވާ މަޖިލިސް ދާއިރާތަކުގެ ގޮނޑިއަށް ވާދަނުކުރަން ކޮންގްރެސް ޕާޓީން ނިންމައިފި އެވެ.
ކޮންގްރެސް ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވީ, ކުރިން ވެސް އެއްބަސްވެވުނީ ގުޅިގެން ހުރިހާ ގޮނޑިއަކަށް ވާދަކުރުމަށް ކަމަށާއި އެ ގޮނޑިއަށް ވެސް ވާދަކުރައްވާނީ ގުޅިގެން ކަމަށެވެ.
އެއީ އެމްއެންޕީގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމް ވާދަކުރައްވާ މާފަންނު މެދު ދާއިރާގެ ގޮނޑިއާއި އެމްޑީއޭގެ ލީޑަރު މުހައްމަދު ސިޔާމް އަހުމަދުގެ މީދޫ ދާއިރާގެ ގޮނޑިއާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ މާމިގިލީ ދާއިރާގެ ގޮނޑިއެވެ.
މި ދާއިރާތަކުން ކޮންގްރެސް ޕާޓީގައި ޕްރައިމަރީއަށް ނުދާން ނިންމީ އެ ލީޑަރުންނަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"އެހެން ވީމާ އެ ތިން ޕާޓީން ވެސް ވާދަކުރައްވާ. އަޅުގަނޑުމެން ކުރީގައި ވެސް ދަންނަވާފައި އޮންނާނެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދެ ޕާޓީން ހުރިހާ ދާއިރާއަކަަށް ވާދަކުރާނެޔޭ," އަބްދުއްރަހީމް ވިދާޅުވި އެވެ.
ހޮނިހިރު ދުވަހު އޮންނަ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި 283 ކެންޑިޑޭޓުން ވާދަކުރާއިރު, 13 ދާއިރާއަކުން ވަނީ ޕްރައިމަރީއާ ނުލާ ޓިކެޓު ކަށަވަރުވެފަ އެވެ.