އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އިންޑިއާގެ ރައީސަށާއި ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އިންޑިއާގެ ރައީސަށާއި ބޮޑުވަޒީރަށް ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވީ އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ. އަދި އެމަނިކުފާނުގެ މެސެޖުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމާއި އެއްޤައުމުން އަނެއް ޤައުމަށް ކުރާ އިޙްތިރާމާއި ބަދަހި ރަހުމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިޔަށް އޮތް އަހަރުތަކަކީ އިންޑިޔާގެ ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމާއި ފާގަތިކަން ގެނެސްދޭނެ ދުވަސްތަކެއްކަމުގައި ވުމަށް އެދިވަޑައިގެންފައެވެ.