ޚަބަރު

ރާއްޖެއިން ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ފަށަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގައި މެޑިކަލް އަދި އެ ނޫން ވެސް ބޭނުމަށް ހެލިކޮޕްޓަރު އޮޕަރޭޓް ކުރެވޭނެ ގޮތަށް ހަދަން މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަލް ކަރުދާހެއް ހުށަހަޅާ އެކަމުގެ މަސައްކަތް ފަށައިފިއެވެ.

Ads by STELCO

ކެބިނެޓުން މިއަދު ނިންމި ކަންކަން ހިއްސާ ކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ, ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް އަލުން ދޭން ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.

އެގޮތުން ސާޗް އެންޑް ރެސްކިއު މިޝަންތަކާއި މެޑިކަލް އިވެކިއުއޭޝަންތަކަށް ދެ އިންޖީނުލީ ހެލިކޮޕްޓަރު ބޭނުން ކުރަން ފަށަންވާން ޖެހޭ ތައްޔާރީތައް އެ މިނިސްޓްރީން ވަނީ ފަށާފައެވެ.

މިހާރު ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރަމުން އަންނަނީ އަވައްޓެރި އިންޑިއާއިންނެވެ. އިންޑިއާގެ އުޅަނދުތައް މިފެށޭ މާރިޗް މަހުގެ 15ގެ ކުރިން ގެންދިއުމަށް އެ ޤައުމަށް ރާއްޖެއިން ވަނީ އެދިފައެވެ.

ސަރުކާރުގެ ވިސްނުމަކީ, ހެލިކޮޕްޓަރުގެ ޚިދުމަތް ސަރުކާރުން ދިނުމުގެ ބަދަދަލުގައި, ވާދަވެރި ބީލަމަކުން ނުވަތަ ރެސްޓްރިކްޓެޑް ޓެންޑާއަކުން ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ހުޅުވާލުމެވެ.

ނާޒިމް އިތުރަށް ވިދާޅުވީ, ހެލިކޮޕްޓަރުގެ ހިދުމަތް ފަށައިގަންނަން ބޭނުންވާ އެ ދާއިރާގެ ކޮންސަލްޓަންޓަކު ހޯދުމަށާއި ރެގިއުލޭޓަރީ މަސައްކަތްތައް ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭނެ ކަމަށެވެ. އަދި އެކަން ކުރުމަށް ބޭނުންވާ އޮފީހެއް ހެދުމަށް މިއަދު ފައިސާ ވަނީ ކެބިނެޓްއިން ހަމަޖައްސާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!