ޚަބަރު

ރުހުން ނުދިނީ ޤާބިލު ނުވެގެން ނޫން, އެކްޓިވިސްޓުން ރުއްސަން: ސަލީމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިދިކޮޅި އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުން މިއަދު ތިން ވަޒީރަކަށް ރުހުން ނުދިނީ އެ ޕާޓީގެ އެކްޓިވިސްޓުން ހިތްހަމަޖައްސަން ކަމަށް، ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕީޕީއެމް، ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަލީމް ވިދާޅުވީ މިއަދު މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުންނަކީ އެ ދާއިރާތަކުން އެންމެ ގާބިލު، މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅުން ކަމަށެވެ. އަދި އެ ވަޒީރުންނަށް ރުހުން ނުދޭންވީ ސަބަބެއް އެމްޑީޕީއަށް ނުދެއްކޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ތެރެއިން ޝަހީމަށް އިޝާރާތް ކުރައްވައި ސަލީމް ވިދާޅުވީ އޭނާއަކީ އިސްލާމީ ދާއިރާއިން ތައުލީމު ހާސިލުކޮށްގެން ހުންނެވި، ގައުމުގެ އެންމެ ފުންނާބު އުސް އެއް ބޭފުޅާ ކަމަށެވެ.

"ދެން އަޅުގަނޑުމެންގެ ތެރެއިން ބަންޑާރަ ނައިބު، ބަންޑާރަ ނައިބަކީ ކުރީގެ ބަންޑާރަ ނައިބުގެ އޮފީހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ތަޖުރިބާކާރު ބޭފުޅެއް، އިލްމީ ބޭފުޅެއް. ބޭރުކޮށްލީ. ސަބަބެއް ނެތް،" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން ހައިދަރަށް ރުހުން ނުދިނީ، ކުރީ ސަރުކާރުގެ ބޯހިޔާވަކަމުގެ މަޝްރޫއުގެ ދަށުން ދޭން ނިންމި ގޯއްޗާ ބެހޭ ގޮތުން އޭނާ ދެއްކެވި ވާހަކަތަކާ ގުޅިގެންކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ، ވަޒީރު އެ ވާހަކަ އަނބުރާ ގެންދެވި ކަމަށެވެ. އަދި އެ ގޯތިތަކުގެ ރަޖިސްޓްރީ މިހާރު ހަވާލުކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންވެ، ހައިދަރަށް ވެސް ރުހުން ނުދޭންވީ ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ތިން ވަޒީރުންނަށް ވެސް ރުހުން ނުދިނުން ގުޅިފައި ވަނީ އެމްޑީޕީ އެކްޓިވިސްޓުން ރުއްސުމާ ކަމަށް ސަލީމް ތުހުމަތު ކުރެއްވިއެވެ.

"އެ ބޭފުޅުންގެ އެކްޓިވިސްޓުން ހަަމަޖެއްސުމަށް ޓަކައި ނޫނީ މަޖިލިސް އިންތިޚާބަށް އެމީހުން ހީކުރާ ގޮތުގައި އެމީހުންނަށް މަގުފަހިވަނީ ކޮންމެވެސް ބަޔަކު މީގެ ތެރެއިން ދުއްވާލީމައި ކޮންމެވެސް އެމީހުންނަށް ވޯޓުދޭން ތިބޭ ބަޔަކު ހިތްހަމަޖެހޭނެ،" ސަލީމް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!