ޚަބަރު

މަޖިލިސް އިންތިޚާބުގައި ޑިމޮކްރެޓްސް ވާދަކުރާނީ 46 ދާއިރާއަށް، ޕްރައިމަރީ 4 ދާއިރާގައި!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާޗުމަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި 41 ދާއިރާއަކަށް ވާދަކުރުމަށް ފޯމު ހުށައަޅާފައިވާކަމަށް އެޕާޓީން ބުނެފިއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު އޮންނަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ.

Ads by STELCO

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދި ދަ ޑިމޮކްރެޓްސްއިން ވަނީ އެ ޕާޓީގެ ޓިކެޓުގައި މަޖިލިހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 4 ވަނަދުވަހު ހުޅުވާލާފައެވެ.

މީގެކުރިން ޑިމޮކްރެޓްސްއިން ބުނެފައި ވަނީ މަޖިލިސް އިންތިހާބުގައި މެމްބަރުން އިންތިހާބުކުރުމަށް ހަމަޖެހިފައިވާ 93 ދާއިރާއަށްވެސް އެ ޕާޓީން ވާދަކުރާނެކަމަށެވެ. ނަމަވެސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު އާދީއްތަދުވަހު ހަމަވިއިރު، ޓިކެޓް ހޯދުމަށް އެދި ހުށަހެޅީ 41 ދާއިރާއަކަށް 46 ކެންޑިޑޭޓުންކަމަށް އެ ޕާޓީން ބުނެއެވެ. އޭގެތެރޭގައި ހިމެނެނީ 13 އަންހެނުންނާއި 33 ފިރިހެނުންކަމަށް ޑިމޮކްރެޓްސްއިން ބުނެއެވެ.

ދަ ޑިމޮކްރެޓްސްއިން ޢާންމުކޮށްފައިވާ އިއުލާންގައިވާގޮތުން ޕްރައިމަރީ އޮންނާނީ 4 ދާއިރާއެއްގައެވެ. އެއީ ކެލާ ދާއިރާއާއި، ކަނޑިތީމު ދާއިރާއާއި، ހުޅުމާލެ ދެކުނު ދާއިރާއާއި، ހެންވޭރު ދެކުނު ދާއިރާގައެވެ. އެއީ އެ ދާއިރާތަކަށް އެކަކަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާތީއެވެ. އެހެން ކުރިހާ ދާއިރާތަކަށް ކުރިމަތިލާފައިވަނީ އެންމެ މީހެކެވެ.

ޑިމޮކްރެޓްސްގެ ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!