ޚަބަރު

މަޖިލީހުގެ ނިންމުމާމެދު ހިތް ނުތަނަވަސްކަމެއް ނެތް, އިހުތިރާމް ކުރާނަން: ޝަހީމް

އައިކާ ޔުނާން ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ނިންމި ނިންމުމާ މެދު އެ މެންބަރުންނާ މެދު އެއްވެސް ހިތްނުތަނަވަސް ކަމެއް ނެތް ކަމަށާއި މެންބަރުންގެ އެ ނިންމުމަށް އިހުތިރާމް ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ ނެގި ވޯޓުގައި ޝަހީމަށް ރުހުން ނެތް ކަމަށް ފާސްވީ އެންމެ ވޯޓެއް މަދުވެގެންނެވެ. 30 މެންބަރުން ރުހުން އޮތް ކަމަށް ވޯޓު ދެއްވިއިރު, 31 މެންބަރުން ދެއްވީ ނުފެންނަ ކަމަށެވެ. ވަކިކޮޅަކަށް އަށް މެންބަރުން ވޯޓު ނުދެއްވަ އެވެ.

މަޖިލީހުން ރުހުން ނުދޭން ނިންމި ނަމަވެސް, ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ވަޒީރުން ހަމަ އެ މަގާމަށް އަލުން އައްޔަން ކުރައްވައިފައެވެ. އަދި ވަޒީރުން އިއްޔެ ވަނީ ހުވާކުރައްވައިފައެވެ.

އިސްލާމިކް މިނިސްޓްރީން ޝަހީމަށް މަރުހަބާ ދެންނެވުމަށް މިއަދު އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ މަޖިލީހުގެ ބައެއް މެންބަރުންގެ ހިތުގައި އޭނާއާ މެދު އޮތް ނުތަނަވަސްކަމަކީ ކޮބައިތޯ ބަލައި، އެކަމަށް ހައްލު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން އަޒުމާއި ހިތްވަރާ އެކު ކުރިއަށް ދަނީ. މަޖިލީހުގެ ބައެއް މެންބަރުން އަޅުގަނޑާ މެދު އޮތް ނުތަނަވަސްކަމަކީ ކޮބައިތޯ ބަލައި އެ ކަންތައްތައް ހައްލު ކުރަން ވެސް އަޅުގަނޑުގެ ފަރާތުން މަސައްކަތް ކުރާނަން." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އޭނާއަށް ލިބޭ ހިތްވަރަކީ ރައްޔިތުންގެ ފަރާތުން ލިބޭ އިތުބާރާއި ހެޔޮ ޝުއޫރުތަކާއި ރައީސް މުއިއްޒު އޭނާއަށް ކުރައްވާ އިތުބާރު ކަމަށެވެ.

ޝަހީމަކީ މި ސަރުކާރުގެ އެންމެ ހިންގުންތެރި އެއް ވަޒީރެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!