ފެބްރުއަރީއިން ފެށިގެން ހުޅުމާލެ ފޭސް 1 ފްލެޓުތަކުން 20 އިންސައްތަ ކުޑަވާނެ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14 ގެ ދަށުން ހުޅުމާލެ 1ގެ ފްލެޓްތަކުގެ ކުލިން ކުޑަކޮށްދޭން ނިންމި 20 ޕަސެންޓުގެ ޑިސްކައުންޓު ލިބޭން ފަށާނީ އަންނަ މަހުން ފެށިގެން ކަމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
އެޗްޑީސީން މިރޭ ބުނީ "ހަފުތާ 14"ގެ މަގުޗާޓުގައިވާ ގޮތަށް ހުޅުމާލެ 1ގެ ހައުސިން ޔުނިޓްތަކަށް ކުލީގެ އަދަދުން ކޮންމެ މަހަކު ވެސް 20 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެޗްޑީސީގެ ނޫސްބަޔާނުގައި ބުނީ ޑިސްކައުންޓު ދޭން ނިންމާފައިވަނީ އިންސްޓޯލްމަންޓްގެ އަދަދުން ކަމަށާއި ފްލެޓްގެ މެއިންޓެނަންސް ނުވަތަ މެނޭޖުމަންޓް ފީން މި އުނިވުން ނާންނާނެ ކަމަށެވެ.
މި ބަދަލު ގެނައި ނަމަވެސް މިހާތަނަށް ނުދައްކާ ހުރި ބައި ދައްކާއިރު 20 ޕަސެންޓުގެ އުނިވުމެއް ނާންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ފްލެޓު އަގު ކުޑަކުރާނެ ކަން އިއުލާނުކުރައްވަމުން ރައީސް މިދިޔަ މަހު ވިދާޅުވީ, ފުރަތަމަ ފިޔަވަހީގައި ހުރި ހުރިހާ ފްލެޓަކުން އަންނަ މަހުން ފެށިގެން 20 ޕަސެންޓު އަގު ކުޑަވެގެންދާނެ ކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ރައްޔިތުން ކުލި ދައްކަނީ ވަރަށް ހާލުގައި ކަމަށާއި އެ ފްލެޓުތަކުގެ ކުލިން އުނިކުރާ 20 ޕަސެޓް މެނޭޖުކުރާނީ ސަރުކާރުން ކަމަށެވެ. މި ލުއި ރައްޔިތުންނަށް މި ދެނީ އިގްތިސޯދުގެ ހާލަތު ހުރި ގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހީނަރުވެފައިވުމުން ކަމަށް ރައީސް ވިދާޅުވިއެވެ.