ތ އަތޮޅުގައި ވައިގެ ބަނދަރަކާއެކު އިކޮނޮމިކް ޒޯނެއް ޤާއިމު ކުރަން ބޭނުންވޭ: އަތޮޅު ކައުންސިލް
ތ އަތޮޅުގައި ވައިގެ ބަނދަރަކާއެކު އިކޮނޮމިކް ޒޯނެއް ޤާއިމު ކުރަން ބޭނުންވާ ކަމަށް އެ އަތޮޅު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއަށް ދަންނަވައިފިއެވެ.
ކޮޅުމަޑުލު އަތޮޅު ކައުންސިލުން ރައީސް މުޢިއްޒުއާ މިކަން ހިއްސާކުރައްވާފައި ވަނީ އެ މަނިކުފާނު ކޮޅުމަޑުލު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކޮޅުމަޑުލު ކައުންސިލާއި ބައްދަލު ކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިރޭ ކޮޅުމަޑުލު އަތޮޅު ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ތ.އަތޮޅުގެ ރަށްތަކުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އަޑުއައްސަވައި، އުންމީދީ ޖަވާބުތަކެއް ދެއްވިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ތ އަތޮޅުގެ ކައުންސިލުން ވަނީ އަތޮޅުގެ ތަރައްޤީއަށް އެންމެ ބޭނުންވާނެ ކަންތައްތައް ތަފުސީލީ ގޮތެއްގައި ރައީސްއާ ޙިއްޞާކުރައްވާފައެވެ.
އެގޮތުން އަތޮޅު ހޮސްޕިޓަލަކީ ޒަމާނީ ޚިދުމަތްދޭ ތަނަކަށް ހެދުމަށާއި، އަތޮޅުގައި ހަތަރު ރަށެއް ފަތުރުވެރި ކަމަށް ތަރައްޤީ ކުރުމަށް ބޭނުންވާ ކަމަށް ކައުންސިލުން ފާހަގަ ކުރެއްވިއެވެ.
ހަމަ އެހެންމެ ތ އަތޮޅުގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކާއެކު އިކޮނޮމިކް ޒޯނެއް ޤާއިމު ކުރުމަށް ބޭނުންވާ ކަމުގައިވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އަތޮޅުގައި ހުރި މަސް ފެކްޓްރީ ތަރައްޤީ ކުރުމަށް ބޭނުންވާ ކަމަށާއި، އަތޮޅު ތެރޭގައި ދަތުރުފަތުރު ކުރުމުގައި ހުރި ގޮންޖެހުންތައްވެސް ކައުންސިލުން ވަނީ ރައީސްއާ ޙިއްޞާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރައީސް ވަނީ އަތޮޅުގެ އިޤްތިޞާދު ވަރުގަދަ ކުރުމަށް މި ސަރުކާރުން ކުރައްވާ ކަންކަން އަތޮޅު ކައުންސިލާ ޙިއްޞާކުރައްވާފައެވެ.
މީގެ އިތުރުންވެސް ކޮންމެ ކައުންސިލަކަށްވެސް ފައިދާވާނެ ގޮތަކަށް އިޙްތިޞާޞްގައި ހުރި ރަށްތައް ބޭނުންކޮށް، އާންމު ފަރުދުންގެ މާލީ ތަނަވަސްކަން އިތުރު ކުރުމަށް އެ މަނިކުފާނު ބާރުއެޅުއްވިއެވެ.
ހަމަ އެއާއެކު ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާ ގުޅުންހުރި ދާއިރާތަކުން އިންވެސްޓަރުން ހޯދުމުގެ ފުރުޞަތު ހުރިހާ ކައުންސިލަކަށްވެސް އޮންނާނެ ކަމަށާއި އެކަމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
ތ އަތޮޅަށް ތަރައްޤީގެ ފުރިހަމަ އިހުސާސްކުރެވޭވަރު މި ސަރުކާރުން ކޮށްދެއްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ހިމެނޭ މަތީފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.