ކޮވިޑް ނައްސި ޓޫރިސްޓުން ނޫނީ ރާއްޖެ ނާދެވޭ ގޮތް ހަދަނީ

ކޮވިޑް ޓެސްޓުން ނައްސިކަން ޔަގީން ކޮށްފައި ނޫނީ ރާއްޖެއަށް ޓޫރިސްޓުންނަށް ނާދެވޭ ގޮތަށް، އުސޫލު ބަދަލު ކުރަން ވިސްނާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުގައި ނައްސި ޕީސީއާރު ޓެސްޓެއް އޮންނަން ޖެހޭ ގޮތަށް އުޞޫލް ބަދަލުކުރުމަށް އެޗްޕީއޭއާއެކު މަޝްވަރާ ކުރަމުން އަންނަކަމަށެވެ. އަދި މުސްތަޤްބަލުގައި އެކަން އެގޮތަށް ހަމަޖެހިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިގޮތަށް އުޞޫލަށް ބަދަލުގެނައުމަށް ނިންމާފައިވަނީ ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިންނެވެ.
މިނިސްޓަރ ވިދާޅުވީ މިކަމުގެ ސަބަބުން ރާއްޖެއަކީ ސަލާމަތާއި ރައްކާތެރި ތަނެއްގެ ގޮތުގައި ފަތުރުވެރިންނަށް ސިފަ ކުރެވޭނެ ކަމަށެވެ. އަދި ރާއްޖެއަކީ ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން ދަތުރުކުރުމަށް ފަހި ޤައުމުތަކުގެ ލިސްޓްގައި ހިމެނޭ ޤައުމަކަށް ރާއްޖެވުމަށް ވެސް މިކަމުގެ ސަބަބުން މަގުފަހި ވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޯޑަރ ޕީސީއާރު ތަޢާރަފް ކުރާނަން. ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުގައި ނެގަޓިވް ޕީސީއާރު ޓެސްތެއް އޮވެއްޖެނަމަ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދިޔުމަކީ އެކަށީގެން ވާކަމެއް” ޓުއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވިއެވެ.