މަޑަވެލީގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ދަޅުތަކެއް ހޯދައިފި

ގދ. މަޑަވެލީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ބަނގުރާ ދަޅުތަކެއް ހޯދައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މަޑަވެލީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މިދިޔަ ޖަނަވަރީ މަހުގެ 25 އިން މި ފެބުރުވަރީ މަހުގެ 9 އަށް ހިންގި އެ އޮޕަރޭޝަނުގެ ތެރެއިން ބަނގުރާ ފެނިފައިވަނީ ރަށުގެ ފަޅު ސަރަހައްދަކުންނެވެ.
މަޑަވެލި ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި އެ ސަރަހައްދު ބަލައިފާސްކުރިއިރު 48 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މީގެ އިތުުރުން ތިންފުޅި ބަނގުރަލާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިއެއްގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.