ރަފާހްއަށް އިޒްރޭލުން ދިން ހަމަލާގެ އިންޒާރު ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ރަފާ ސިޓީއަށް އަރައި ހަމަލާދޭނެ ކަމަށް އިޒްރޭލުން އިންޒާރު ދިނުމުން ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފިއެވެ.
ރަފަހްގައި ހިންގާ އަސްކަރީ އޮޕަރޭޝަން އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ހޮނިހިރު ދުވަހު ދެއްވި ބަސްދީގަތުމެއްގައި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ.
ނަތަންޔާހޫ އެގޮތަށް ވިދާޅުވެފައި ވަނީ އިސްރާއީލުން ރަފަހަށް އަރައިގަތުން ބައިނަލްއަގުވާމީ މުޖުތަމައުން ކުށްވެރިކުރަމުންދާ ދަނޑިވަޅެއްގައެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ގާޒާގައި އިސްރާއީލު ސިފައިން ހިންގަމުންދާ އަސްކަރީ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ އެތައް މިލިއަން ބައެއްގެ އެންމެ ފަހުގެ ހިޔާވަހިކަން ކަމުގައިވާ ރަފާ ސިޓީއަށް ހަމަލާއެއް ދޭންފަށާނެ ކަމުގެ އިންޒާރު އިސްރާއީލު ސަރުކާރުން ދިނުމަކީ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެކެވެ.
ސަރުކާރުން ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލަނީ އިސްރާއީލު ސިފައިންގެ ޖަރީމާތަކާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ބައިނަލްއަޤްވާމީ ކޯޓް އޮފް ޖަސްޓިސްގެ 26 ޖެނުއަރީ 2024 ގައި ނެރުނު ވަގުތީ ފިޔަވަޅުތަކުގެ އަމުރަށް ތަބާ ވުމަށާއ ޖަރީމާއެއް ހިންގުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.