ޚަބަރު ސަރުކާރު ޝަރުޢީ ދާއިރާ

ޕީޖީ ޝަމީމް، އެމެރިކާ އަދި އޮސްޓްރޭލިއާގެ ސަފީރުންނާ ބައްދަލު ކުރައްވައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އަލްއުސްތާޛް ޙުސައިން ޝަމީމު، އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ބައްދަލުކުރައްވައިފިއެވެ.

Ads by MWSC

ޕީޖީ ޝަމީމް އެމެރިކާ ސަފީރު ހިޒް އެކްސެލެންސީ ހޫގޯ ޔޮން އާ ބައްދަލުކުރެއްވީ 3 ފެބުރުވަރީ 2024 ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައެވެ.

މިއީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަމާޒުކޮށް 31 ޖަނަވަރީ 2024 ދުވަހު ބަޔަކު ދިން ހަމަލާއަށްފަހު އެ މަނިކުފާނު ކުރިއަށްގެންދެވި ރަސްމީ ފުރަތަމަ ބައްދަލުވުމެވެ.

އަދި އޮސްޓޮރޭލިއާ ސަފީރު ހިޒް އެކްސެލެންސީ ޑޭވިޑް ޖެސަޕްއާ ޕީޖީ ޝަމީމް ބައްދަލުކުރެއްވީ 15 ފެބުރުވަރީ 2024 ދުވަހު އެވެ.

ވަކިވަކިން ކުރިއަށްގެންދެވި މި ބައްދަލުވުންތަކުގައި ސަފީރުން ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަމާޒުކޮށް ދިން ހަމަލާއާމެދު އެ ދެ ޤައުމުން ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ދެ ޤައުމުގެ ސަފީރުންނާއެކު ކުރެއްވި މަޝްވަރާގައި، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ކުރިއެރުވުމަށް ދެ ޤައުމުގެ ސަރުކާރުން އެހީތެރިކަން ދެވެން އޮތް ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައި ވެއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއާ ޕީޖީ އޮފީހާ އޮންނަ ގުޅުމުގެ ތެރެއިން، ޖިނާއީ ޢަދުލުގެ ނިޒާމަށް ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކޮށް، އެ ޑިޕާޓްމަންޓުން މިހާރުވެސް ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ފަންނީ މާހިރުން، ޓެރަރިޒަމާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ މައްސަލަތަކުގައި އިންވެސްޓިގޭޓަރުންނާއި، ޕްރޮސިކިއުޓަރުންނާއެކު މަސައްކަތް ކުރައްވާފައި ވެއެވެ.

އޮސްޓްރޭލިއާ ސަރުކާރުންވެސް ގެންދަނީ ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް އެކި ދާއިރާތަކުން ފަންނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ބައްދަލުކުރެއްވުންތަކުގައި ދެޤައުމުގެ ސަރުކާރުން ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް ވެދެއްވަމުންގެންދަވާ އެހީތެރި ކަމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ޚާއްޞަކޮށް ޓެރަރިޒަމާ ދެކޮޅަށް މި ނިޒާމުން ކުރަމުންގެންދާ މަސައްކަތުގައި އެ ދެ ޤައުމުގެ ސަރުކާރުން ދެއްވާ ޚާއްޞަ އެހީތެރިކަން ޕްރޮސިކިއުޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!