ރައީސް ދެކުނުގެ ހަތަރު އަތޮޅަށް ކުރައްވާ ދަތުރުފުުޅު ފައްޓަވައިފި

އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، އަދި އުތުރާއި ދެކުނު ހުވަދޫ އަތޮޅުގެ ބައެއް ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މި ސިޓީތަކާއި ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއާއި ބެހޭ ކޮމިޓީތަކާ (ޑަބްލިއުޑީސީ) އާއި ގުޅިގެން މަސައްކަތް ކުރައްވާނެއެވެ.
ރައީސް ޑރ މުއިއްޒު މި ސިޓީތަކާއި، ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، އެ މީހުން އެދޭ ތަރައްޤީގެ ޕްލޭންތަކާ ބެހޭގޮތުން މަޝްވަރާކޮށް، އެމީހުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރަން ފުރުސަތު ދިނުމަށްވެސް ވަނީ ނިންމާފައިއެވެ.
ރައީސް ޑރ މުއިއްޒު މީގެކުރިން ވަނީ ތަރައްޤީގެ ވައުދުތައް ފުއްދުމަށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން މި ދަތުރުފުޅުގައި ރައީސް އަމަލީ ގޮތުން ރައްޔިތުންނަށް ތަރައްގީ ކަށަވަރުކޮށްދިނުމަށް ވައުދުވެވަޑައިގެންނެވި ގޮތާ އެއްގޮތަށް، ތަރައްގީގެ މަޝްރޫއުތައް ރައްޔިތުންގެ އުންމީދުތަކާއި އެއްގޮތަށް ކުރިއަށް ގެންދިޔުމަށް އެމަނިކުފާނު އަމިއްލައަށް ލޯކަލް ކައުންސިލްތަކަށް ޒިޔާރަތްކޮށް ގުޅިގެން މަސައްކަތް ކުރައްވާނެއެވެ.
މި ދަތުރުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ވަޑައިގަންނަވާނެއެވެ.