އާމްދަނީ ހޯދަން ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކުގެ ދަފްތަރުގައި ޖެހެން ހުޅުވާލައިފި

އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ކުރިއެރުވުމުގެ މަގުސަދުގައި އެފަދަ ފަރާތްތަކުގެ ދަފްތަރެއް ޤާއިމުކުރުމުގެ ގޮތުން އެކުލަވައިލެވިފައިވާ އުސޫލާ އެއްގޮތަށް ދަފްތަރުވުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) އިން ހުޅުވައިލަމެވެ.
ބީސީސީން ސަރުކާރުގެ ގެޒެޓްގައި ކޮށްފައިވާ އިއުލާނެއްގައި ބުނީ، ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން، އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރިއެއް ގޮތުގައި ރަޖިސްޓަރީ ކުރުން ލާޒިމުނުވާ، އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާ ބެހޭ ޤާނޫނުގެ "އެންމެ ކުދި" ވިޔަފާރިތަކުގެ ގިންތީގައި ހިމެނޭ ވިޔަފާރިތަކުގެ ތެރެއިން، އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފްތަރު ކުރުމަށް ޓަކައި ހުޅުވައިލެވޭ ފުރުސަތެއް ކަމަށެވެ.
އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އޮންލައިން ފޯމު ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުމަށް ބީސީސީން ވަނީ އެދިފައެވެ.
އެކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު 3305555 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
އެހެން ގޮތަކަށް އަންގާ އިއުލާނު ކުރަންދެން ދަފްތަރުވުމުގެ ފުރުސަތު އާންމުކޮށް ހުޅުވިފައި އޮންނާނެ ކަމަށް ބީސީސީން ބުންޏެވެ.