ޖޭއެސްސީ އަށް ލަފާދޭން ފަނޑިޔާރުންގެ ބޯޑެއް އެކުލަވާލައިފި
ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާ ދިނުމަށް، ފަނޑިޔާރުންގެ ބޯޑެއް އެކުލަވާލަން ނިންމައިފިއެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޯޓުތަކުގެ އިދާރީ ހިންގުމާ ގުޅޭގޮތުން ސިޔާސަތު އެކަށައަޅާއިރު، ފަނޑިޔާރުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި އެކުލަވާލާ ސިޔާސަތުތަކަކީ ހާމަކަންބޮޑު އަދި ފަނޑިޔާރުންނާ މަޝްވަރާ ކުރެވިގެން އެކުލަވާލެވޭ ސިޔާސަތުތަކެއްކަމަށް ހެދުމަށްޓަކައި، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ ޢާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމުގެ ކަންކަމުގައި ފަނޑިޔާރުންގެ ފަރާތުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލަފާދިނުމަށްޓަކައި، 09 މެންބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް "ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި ލަފާދޭ ފަނޑިޔާރުންގެ ބޯޑު" އުފެއްދުމަށް 2024 ފެބްރުވަރީ 19 ވަނަ ދުވަހު ބޭއްވުނު ކޮމިޝަނުގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.
މި ބޯޑުގައި ހިމެނެނީ، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓު، ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ތަމްސީލްކުރައްވާ ފަނޑިޔާރު، ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓު، ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ތަމްސީލްކުރައްވާ ފަނޑިޔާރު، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތައް، ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ތަމްސީލްކުރައްވާ ފަނޑިޔާރު، ސުޕީރިއަރ ކޯޓުތަކުގެ އިސްޤާޟީންގެ ތެރެއިން އުއްތަމަފަނޑިޔާރު ޢައްޔަންކުރައްވާ ފަނޑިޔާރަކު، މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ތެރެއިން އުއްތަމަފަނޑިޔާރު ޢައްޔަންކުރައްވާ ފަނޑިޔާރަކު އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރއެވެ.
މި ބޯޑުގެ މެންބަރުންގެ ސުޕީރިއަރ ކޯޓުތަކުގެ އިސްޤާޟީންގެ ތެރެއިން އުއްތަމަފަނޑިޔާރު ޢައްޔަންކުރައްވާ ފަނޑިޔާރު އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ތެރެއިން އުއްތަމަފަނޑިޔާރު ޢައްޔަންކުރައްވާ ފަނޑިޔާރު ޢައްޔަންކުރެވޭނީ، ފަނޑިޔާރުންގެ މެދުގައި ބަހާލެވޭ އުޞޫލަކުން ކޮންމެ އަހަރަކުން 01 ފަހަރު ބަދަލުވާ ގޮތުގެމަތީން ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.