ޚަބަރު އިޖުތިމާޢީ ސަރުކާރު

އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކޮށް 75 ބައިވެރިން ސަނަދު ހާސިލްކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކޮށް 75 ބައިވެރިން ސަނަދު ހާސިލްކޮށްފިއެވެ.

Ads by MWSC

މިކަން ހާމަކޮށް އެޗްޑީސީން މިއަދު ބުނީ އެ ކޯޕަރޭޝަނުން ކުރިއަށް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމި، ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާ ކަމަށެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދެވެ.
މި ޕްރޮގަރާމަކީ އެ ކޯޕަރޭޝަނުން ހިންގި 6ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ ތެރެއިން އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްވެސް ތަމްރީނުވުމުގެ ފުރުސަތު ހޯދައިދީފައި ވެއެވެ.

އެޗްޑީސީން ބުނީ މި އަހަރު އެ ކޯޕަރޭޝަނުން ކުރިއަށް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމައި 75 ބައިވެރިން ވަނީ ސަނަދު ހާސިލްކޮށްފައި ކަމަށެވެ.

މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް (އެން.އޭ.ޕީ) ގެ ގައިޑްލައިންސްއާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔަ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ދީފައި ވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ނެޝަނަލް ލެވެލް 3 ގެ ސަނަދެކެވެ.
އެޗްޑީސީން ބުނީ 6 މަސްދުވަހުގެ މުއްދަތައް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމުގައި 10 ދާއިރައަކުން ބައިވެރިން ތަމްރީނު ކޮށްފައިވާ ކަމަށެވެ.

މި ދާއިރާތަކަކީ ހެވީވެހިކަލް، ގާރޑަނިންގ، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަން މެކޭނިކް، އިންވެންޓްރީ މެނޭޖްމަންޓް، ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިން، ހައުސްކީޕިންގ، ފްރަންޓް އޮފީސް ސަރވިސަސް، ހެލްތް އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން، ޕެއިންޓިންގ އެންޑް ޑެކަރޭޝަންސް އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންގެ ދާއިރާއެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް ކޮންމެ މަހަކު އެލަވަންސްއެއް ދީފައި ވެއެވެ. މި އެލަވަންސް ބައިވެރިންނަށް ދިނުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ގެ ފަރާތުން ފައިސާގެ އެހީތެރިކަންދީފައިވާ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

މި ޕްރޮގްރާމްގެ މަޤުސަދަކީ ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުސަތުތަކެއް ހުޅުވާލައި ނެޝެނަލް ލެވެލްގެ ސެޓްފިކެޓެއް ހޯދައި ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެހީތެރިވެދިނުމެވެ.

ހަމަ އެހެންމެ ވަޒީފާގެ ބާޒާރުގައި ޒުވާނުންނަށް، ކުރެވެން ހުރި ކަންތައްތައް، ބިދޭސީންގެ އަތްމައްޗަށް ދޫކޮށްނުލައި އެކަމަށް އެކަށޭނެ މީހުން ތަމްރީން ކުރުމާއި، ޒުވާނުންނަކީ އެއްވެސް ވަރަކަށް ފަސްނުޖެހޭ، އަމަލީ މަސައްކަތްތައް ދަންނަ ޤާބިލް ބަޔަކަށް ހެދުމެވެ.

ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން ފަށާފައިވާ އަމާޒުގައި އެޗް.ޑީ.ސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމާއި ޤައުމު ތަރައްޤީ ކުރުމުގައި، ޤައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އެޗް.ޑީ.ސީއިން ކުރާނެ ކަމުގައި މި ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑައިރެކްޓަރ  އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ގިނަ ދާއިރަތަކަކުން ޤާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްދޭން އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރާނެކަން ފާހަގަކުރެއްވިއެވެ.

އެޗްޑީސީން ބުނީ މި ޕްރޮގްރާމް ނިމިފައި ވާއިރު އެންމެ ރަނގަޅު ފަރާތްތަކަށް އެ ކޯޕަރޭޝަނުގައި ވަޒީފާގެ ފުރުސަތުތައް ހުރި މިންވަރަކުން ވަޒީފާ ހަމަޖައްސައި ދޭނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!