އަނަސް މަރާލިތާ ހަތް އަހަރު ފަހުން، ތުހުމަތު އޮތް އެންމެން ސަލާމަތްވެއްޖެ

ރ.މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލިތާ ހަތް އަހަރެއްހާ ދުވަސް ފަހުން އެ މައްސަލާގައި ދައުވާ އުފުލި އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ހުކުމް އިއްވާފައިވާއިރު ދައުވާ ލިބޭ މީހުން ސަލާމަތް ވެފައި ވަނީ ކުށް ސާބިތުވާ ވަރަށް އެކަށީގެންވާ ހެކި ނެތުމުންނެވެ.
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކުރި ތިން މީހުންނަކީ ޅ. ކުރެންދޫ އަސުރުމާގޭ އަހްމަދު ޒަޔާނާއި މ. ދިމިޝްގުގޭ އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގެވެ.
ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް މިއަދު ހުކުމް އިއްވަވަމުން ފާހަގަކުރެއްވި ގޮތުގައި ހެކީގެ ގޮތުގައި ހުށަހެޅި ފޮޓޯތަކާއި ވީޑިއޯ ފުޓޭޖުތަކުން ފެންނަނީ ދައުވާ އުފުލާފައިވާ މީހުން ކަން ކަށަވަރުކޮށްދޭނެ ނޫނީ އެ ކަމަށް ބާރު ދޭނެ އިތުރު ހެކި ނެތެވެ. އަދި ސިއްރު ހެކިވެރިންގެ ހެކިބަހުންނާއި، ހަބީރުންގެ ހެކިބަހުން ވެސް އެކަން ސާބިތު ނުވާ ކަމަށެވެ.
މީގެ ހަތް އަހަރު ކުރިން، 2017 ވަނަ އަހަރު އަނަސް މަރައިލީ ލިޓަސް ސާވިސް ސެންޓަރު ތެރޭގައެވެ. އޭނާ މާރާލާފައިވަނީ އެތަނަށް ވަނުމާއެކު ހަށިގަނޑުގެ އެތަން މިތަނަށް ވަޅި ހަރައިގެންނެވެ.
އަނަސްއަށް ހަމަލާ ދިނީ މާލޭގައި ހަރަކާތްތެރިވާ ދެ ގޭންގެއް ގުޅިގެންނެވެ. އަނަސް މަރާލާ މަންޒަރު ފެންނަ ވީޑިއޯ އެއް ވެސް އާންމުވިއެވެ. އަނަސް މަރާލި މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލި ކުޑަ ކުއްޖާގެ މައްޗަށް ވެސް އުފުލިއެވެ. ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތެއް ނުވެއެވެ.