ޚަބަރު ސަރުކާރު ސިޔާސީ

އަމާޒަކީ ކައުންސިލްތަކުން ބޭނުންވާ ކަންކަން ކުރަން މާލެ އައުން މަދުކުރުން: އާދަމް ޝަރީފް

ޙައްވާ އިނާޝާ ، ދެން އޮންލައިން
މިނިސްޓަރު އާދަމް ޝަރީފް

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަނަމްޓް އެންޑް ޕަބްލިކް ވަރކްސްގެ އަމާޒަކީ ކައުންސިލްތަކުން ބޭނުންވާ ގިނަ ކަންކަން ކުރުމަށް މާލެ އަންނަން ޖެހޭ މިންވަރު މަދުކޮށް، ސަރުކާރާއި ކައުންސިލްތަކާއި ރައްޔިތުންނާ ގުޅުވާލުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާ ކުރުން ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އާދަމް ޝަރީފް މިހެން ވިދާޅުވީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގަން ފެށިތާ 13 އަހަރު ފުރުމުގެ މުނާސަބަތުގައި ހުރިހާ ކައުންސިލްތަކަށާއި އެ ނިޒާމުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް މިއަދު ފޮނުއްވި މެސެޖެއްގައެވެ.

އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ގާނޫނުއަސާސީއާއި ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރާއި އިޚްތިޔާރު އޭގެ އެންމެ ފުރިހަމަ މާނާގައި ތަންފީޒުވާކަން ކަށަވަރު ކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ.

އެގޮތުން ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް ވަކި މިނިސްޓްރީއެއް ސަރުކާރުން އުފައްދަވާފައިވާތީ މިނިސްޓަރު ވަނީ ރައީސް މުޢިއްޒަށް މަރުހަބާ ދަންނަވާފައެވެ.

ކައުންސިލްތަކާއި ސަރުކާރާ ގުޅުވައިދީ، ޚިދުމަތް އަވަސް ކުރުމަށްޓަކައި ކްލަސްޓަރތައް އުފައްދައި، ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާ ވަރަށް ގާތުން މަސައްކަތް ކުރެވޭނެ ނިޒާމެއް ޤާއިމުކޮށްފައިވާ ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ނަތީޖާއެއްގެ ގޮތުން، ސަރުކާރުގެ މަރުކަޒީ އޮފީސްތަކުން ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން އިތުރުވެ، ކަންކަމުގައި އީޖާބީ ގޮތެއްގައި ސަރުކާރާއި ކައުންސިލްތަކާއެކު ކުރެވޭ މަސައްކަތް ދަނީ ހަލުއިވަމުން ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

އާދަމް ޝަރީފް ވިދާޅުވީ އެ މިނިސްޓްރީގެ އަމާޒަކީ ކައުންސިލްތަކުން ބޭނުންވާ ގިނަ ކަންކަން ކުރުމަށް މާލެ އަންނަންޖެހޭ މިންވަރު މަދުކޮށް، ސަރުކާރާއި ކައުންސިލްތަކާއި ރައްޔިތުންނާ ގުޅުވާލުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާ ކުރުން ކަމަށެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ބާރުވެރި ކުރުމަށްޓަކައި، ރައްޔިތުންނާގުޅޭ ކަންކަން ރާވައި ހިންގާ ހުރިހާ ފަރާތްތަކުން ވެސް، ކައުންސިލްތަކާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގައި ގާނޫނީ އޮނިގަނޑެއްގެ ތެރެއިން އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގަން ފެށުނީ 2011 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!